ހަތާވީސް ވަނަ ބައި

"ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ.." އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ.." އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ.

"އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ.." އައިކާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ވަރިކޮށް ގެއިން ނެރެ އެއްލާލީމަވެސް ފިރިއަކަށް ވޭތަ؟ އަހަރެން ނުދެނަހުރިން.." މާޒް އެހެން ބުނެލުމުން އައިކާ ހައިރާންވެފައި މާޒްއަށް ބަލާލިއެވެ.

"އިކާ! އަދިވެސް ހަޤީޤަތާ ކުރިމަތިލާކަށް ނުވޭތަ؟ ހަޤީޤަތަކީ ޔޫޝައު އިކާ ބޭނުންނުވެގެން ވަރިކޮށް އެއްލާލިކަން.. އިކާ ހީކުރީ އުމުރު ދުވަހު ތިކަން ސިއްރުކޮށްގެން އުޅެވިދާނެކަމަށްތަ؟ އިކާ މިރަށަށް އައި ދުވަހުވެސް އަހަރެންނަށް އެކަން އެނގޭ.. އަދި އިކާ ސަނާއްތަމެންނަށް އެކަން ސިއްރުކޮށްގެން އުޅޭކަންވެސް އަހަރެންނަށް އޮތީ އެނގިފަ.. އަހަރެންނަށް އެކަން އެނގުނީ ކުރިން ދުވަހު ނާޒިމްބެ ދެއްކި ވާހަކައިން.. އަހަރެން ބޭނުންނަމަ އެދުވަހު އެވާހަކަ ބުނެވުނީސް.. އެކަމް އަހަރެން އެވާހަކަ ބުނަން ބޭނުންނުވީ.. އިކާއާ ދޭތެރޭ ވިސްނާފަ.. އަހަރެން ބޭނުންނުވީ އިކާއަށް ދެރައެއް ލިބެން.. އެއީ އަހަރެން.."

"ދެން ހެޔޮ.. މިހާރު ފުދިއްޖެ.. ފުދި އިތުރުވެސް ވެއްޖެ.. މާޒްވެސް ހީކުރީ އުމުރު ދުވަހު ތިހެން އެންމެންގެ ލޮލުގަ އަނދުން އަޅުވައިގެން އުޅެވިދާނެކަމަށްތަ؟ އާނ.. ޔޫޝައު އަހަރެން ވަރިކޮށްފި.. އެކަމް ހީނުކުރާތި ޔޫޝައު އަހަރެން ވަރިކުރީމަ މާޒްއަށް އަހަރެން ލިބޭނެޔޭ.. ތީ ހުވަފެނެއްގަވެސް ވާނެކަމެއް ނޫން.. އަހަރެން މާޒްއަށް ނަފުރަތުކުރަން.." އައިކާ ދުރަށް އެނބުރުނެވެ.

"ސަބަބު؟"

"ކޮންމެ ކަމެއްގެ ސަބަބު ބުނާކަށް ނުޖެހޭނެ.. މާޒްއަކީ މާ މާތް މީހެއް ނޫނޭ.. ލަދެއްވެސް ނުގަނޭ ދޯ މީހުންގެ އަނބިންނަށް ފާޑުފާޑުގެ މެސެޖުތައް ފޮނުވާކަށް.. އަހަރެން އަބަދުވެސް ހިތަށްއަރާ މާޒްއަކީ ދެއްކުންތެރި، އަމިއްލަ އެދުން ބޮޑު މީހެކޭ.. އަހަރެންނަށް އެކަން ވަރަށް ރަނގަޅަށްވެސް އެނގިއްޖެ.. މިގެ ހަދަން އަހަރެންގެ ބައްޕައަށް ފައިސާގެ އެހީދީ އަދި ވިޔަފާރި ފަށަން ޚިޔާލުދީ އެކަމަށްވެސް އެހީދޭން ތިއުޅެނީ އަހަރެން ލިބިދާނެކަމަށްތަ؟ ހީކުރީ އަހަރެން މީ ވިޔަފާރި މުދަލެއް ކަމަށްތަ ފައިސާ ދީފަ ގަނެލަން؟ އެހެން ހީނުކުރާތި! ތިދޭ ފައިސާތަކުގެ ސަބަބުން ބައްޕަ އަހަރެން ވިއްކާލާނެކަމަށް ހިތަށްވެސް ނާރުވާތި!" މާޒްއާ ދިމާއަށް އެނބުރި ޝަހާދަތް އިނގިލި ދިއްކޮށްލަމުން އައިކާ ބުނެލިއެވެ.

"ހުއްޓާލާ!" ކުއްލިއަކަށް ނާޒިމްގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

"ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއް ތިދައްކަނީ؟ އައިކާއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ މާޒްއަކީ އެކަހަލަ ކުއްޖެއް ނޫންކަން އަހަރެމެންނަށް ހަމަ ރަނގަޅަށް އެނގޭ.." ނާޒިމް ހުރީ ވަރަށް ރުޅިއައިސްފައެވެ.

"ބައްޕައަކަށް ނޭނގޭނެ އޭނައަކީ ކިހާ ނުލަފާ މީހެއްކަމެއް.. ޔޫޝައު އަހަރެން ވަރިކުރީވެސް ހަމަ މިހިރަ މާޒްގެ ސަބަބުން.. އައްޒާމްގެ ކަންތަކަކީވެސް ހަމަ މި މާޒް ކުރުވި ކަމެއް.. އަދި އޭނަ އަހަރެންނަށް ކުރި މެސެޖުތަކަކީވެސް އޭނަގެ މާތްކަމުން ފޮނުވި މެސެޖުތަކެއް ދޯ؟" އައިކާ ފުރަތަމަ ފަހަރަށް ނާޒިމްގެ ކުރިމަތީގައި ބަސް ބުންޏެވެ.

"ވަޓް؟ އަހަރެންނޭ!! ތިބުނާ އައްޒާމްއަކީ އަހަރެން ދަންނަވެސް މީހެއްނޫން.. ދެން އަހަރެން ކިހިނެއް އޭނަ ލައްވާ ތިކަހަލަ ކަމެއް ކުރުވާނީ؟ މީހަކަށް ނަފުރަތުކުރިޔަސް ހެޔޮނުވާނެ ތިކަހަލަ ނުބައި އިލްޒާމުތައް އަޅުވަން.. އަހަރެން އައިކާއަކަށް އެއްވެސް މެސެޖެއް ނުކުރަން.. ޤަބޫލު ނުކުރަންޏާ އަހަރެންގެ ފޯނު ބެލިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަދި އަހަރެންނަށް ޔޫޝައު އައިކާ ވަރިކުރަން އެނގުނީވެސް އައިކާ މިރަށަށް އައި ދުވަހު.. އަދި ބުނަން.. އަހަރެން މިހުރިހާ ދުވަހު މިއާއިލާއަށް އެހީތެރި މިވީ އަމިއްލަ އެދުމައިގެނެއް ނޫން.. ރަނގަޅު.. އަހަރެން އައިކާދެކެ ލޯބިވޭ.. އަދިވެސް ލޯބިވޭ.. އެކަމް އައިކާގެ ލޯބި ހޯދާކަށް އަހަރެން މިހާރު އެއްވެސް މަސައްކަތެއް ނުކުރަން.. ޔޫޝައުއާ އިން ހިސާބުން އަހަރެން އެޚިޔާލު ދޫކޮށްލައިފިން.. އަސްލު އަހަރެންނާ ބެހޭވެސް ބައެއް ނޫން ތީ.. އެކަމްވެސް އަހަރެން އައިކާދެކެ ލޯބިވާތީ އަހަރެން މިހުރިހާ ޚަރަދެއް މިކުރީ.. މިއާއިލާ އުޅޭ ނިކަމެތި ދިރިއުޅުން ހިތަށްއަރާތީ.. އެކަމަކު މިހާރު އެނގިއްޖެ މިހުރިހާ ދުވަހު މި ފެންފުރުނީ ފޫނެތް އެއްޗަކަށްކަން.. އަހަރެން ހީކުރީ ކުޑަމިނުން އައިކާގެ ދުލުން އަހަރެންނަށް ރީތި ނަމެއް ލިބޭނެކަމަށް.. އެކަމަކު ބަދަލުގަ މިލިބުނީ ކޮން އެއްޗެއް؟ އަހަރެން ބޭނުމެއްވެސް ނޫން އިތުރަށް މިކަހަލަ ހުތުރު އިލްޒާމެއް ބޮލުގަ އަޅާކަށް.. އަހަރެން މިދަނީ.. އައިކާއަށް އައިކާގެ ދުނިޔެއަށް މަރުޙަބާ.." މާޒް މަޑުކޮށްލުމެއްވެސް ނެތި ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނާޒިމް މާޒްއަށް ގޮވާލިއެވެ. ނަމަވެސް މާޒްއަށް އެއަޑު ނީވުނީއެއްކަމެއް ނޫނީ އަޑުއިވުނުކަމަށް ނުހެދީއެއްކަމެއް ނޭނގެއެވެ. އޭނާ މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

"އައިކާގެ ބޮލަށް ކޮން އިބިލީހެއްތަ ސަވާރުވެފަ ތިހުރީ؟ އާނ އެހެންޏަ.. އަހަރެން ހަމަ ކޮސްވެއްޖެ.. އަހަރެން ހިތަކަށްވެސް ނާރާ އައިކާ ތިފެންވަރަށް ވެއްޓިދާނެކަމަކަށް.. ލަދުން ބޯފަޅައިގެން ދާވަރުވޭ.." ނާޒިމް ބާރަށް އެހެން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. ސަނާވެސް އައިކާއަށް ބަލާލުމަށްފަހު ގޮސް ކޮޓަރިއަށްވަނީ ހިތްހަމަނުޖެހިގެންނެވެ. އައިކާއަށް ހުރިގޮތަށް ސޯފާއަށް ތިރިވެވުނެވެ. ނާޒިމްއާ ސަނާ ފުރަތަމަ ފަހަރަށް އޭނާދެކެ ރުޅިއައިސްގެން އެއްޗެހި ކިޔުމުން މިއަދު އޭނާ ވަރަށް ހިތުގައި ޖެހިއްޖެއެވެ. އޭނާ އެތައްއިރަކު ސޯފާގައި ރޯން އިނެވެ. އޭނާގެ ނަސީބާއިމެދު އެތައް ޝަކުވާއެއް ކުރެވުނެވެ. ޔޫޝައުގެ އަނތްބަކަށް ނުވެވުނުނަމައެވެ. ނޫންނަމަ މިއަދު މިހުރިހާ ހިތާމައެއް ކުރާކަށް ނުޖެހުނީހެވެ.

މާޒް ބާރުބާރަށް ސައިކަލު ދުއްވާފައި މިސްރާބުޖެހީ އަތިރިމައްޗަށެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އޭނާގެ ދެލޮލުގައިވާ ކަރުނަތަކާއި ރިހުމާއި ވޭން އެހެން މީހަކަށް ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ގޮސް އަތިރިމަތީގައި ވެއްޓިފައި އޮތް ރުކެއްގައި އިށީނދެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކިތަންމެ ހިތްވަރުކުރި ނަމަވެސް މިފަދަ ހާލަތެއް ދިމާވުމުން ފިރިހެނަކަށްވިޔަސް އަސަރުކުރާނެއެވެ. ނުކުރާ ކަންތައްތަކެއްގެ ހުތުރު އިލްޒާމް ބޮލުގައި އަޅަން ޖެހުމަކީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެއީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އަދި އެއީވެސް ތިމާ އެންމެ ލޯބިވާ މީހާގެ ފަރާތުންނެވެ.

މާޒް އެތައްއިރަކު އަތިރިމަތީގައި ރޯން އިންދާ އޭނާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އަވަސްއަވަހަށް ދެލޯ ފޮހެލަމުން މާޒް ފަހަތަށް ބަލާލިއެވެ. ކައިރީގައި ހުރި ޒިޔާން ފެނުމުން މާޒް ގަދަކަމުން ނަމަވެސް ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.

"މާޒް! ކިހިނެއްވީ؟"

"ކަމެއްނުވޭ.."

"ކަމެއްނުވާނަމަ ތިހާވަރަށް ރޯނެތަ؟ އަހަރެން ގެއަށް ދަނިކޮށް ފެނުނޭ މާޒް މިދިމާއަށް އަންނަނިކޮށް.. ސައިކަލުގަ އައިލެއް ބާރުކަމުން ހީވީ އަމިއްލައަށް މަރުވާންވެގެން އައިހެން.. މާޒް އައިގޮތުން އަހަރެންނަށް އެނގުނު މާޒް ހުރީ ހަމަހޭގަ ނޫންކަން.. އެހެންވެ ގޯހެއް ހަދައިފާނެތީ ގެއަށްވެސް ނުގޮސް އަހަރެން މިއައީ މާޒްގެ ފަހަތުން.." ޒިޔާން މާޒްގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

"އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް.. އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އައިކާ އަހަރެންނަށް މިހެން ހަދާފާނެ ކަމަކަށް.." މާޒް ދުރު ބަލަން އިނދެ ބުނެލިއެވެ.

"އައިކާ ކިހިނެއް ހެދީތަ؟ ސާފުކޮށް ކިޔައިދީބަލަ.." ޒިޔާން އެހެން އަހާލުމުން މާޒް ހުރިހާ ވާހަކައެއް ޒިޔާންއަށް ކިޔައިދިނެވެ.

"ވަޓް ދަ.. އޭނަ އެހުރީ ހަމަހޭގައިތަ؟ އޭނަ އެ ހުރިހާ އެއްޗެއް ކީއިރު ލަދެއްވެސް ނުގަތް ދޯ.. މިހުރިހާ ދުވަހެއް ވަންދެން އޭނަގެ އާއިލާއަށް ތިކުރި ޚަރަދެއް ތިކުރީ ހަމަ އޭނައަކަށް ނޫންތަ؟ އެވަރު އޭނައަށް ނޭނގުނީ އޭނަގެ ހާދަ ގޮތެއް ނެތީމައޭ.. ހިތަށްއަރާ ހަމަ.."

"ޒިޔާ! ޕްލީޒް ސްޓޮޕް އިޓް.. އޭނަ ކޮންމެ ގޮތަކަށް އަހަރެންނާ ދޭތެރޭ ކަންތައް ކުރިޔަސް އަހަރެން ބޭނުމެއްނޫން އޭނައާ ދިމާއަށް މީހަކު އެއްވެސް އެއްޗެކޭ ކިޔާކަށް.. އޭނައަށް ދެރަގޮތެއް ވާކަށް.." ޒިޔާންގެ ވާހަކަ މެދުކަނޑާލަމުން މާޒް ބުނެލިއެވެ.

"އެންމެ ރަނގަޅު.. އަހަރެން އޭނައާ ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔާ ހުރެފާނަން.. އެކަމް މާޒް އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟" ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒިޔާން އަހާލިއެވެ.

"ބުނެބަލަ.. ބުނީމަތާ އިނގޭނީ.."

"މާޒް މިހާރު ތި ކުރަމުންދާ ޚަރަދުތައް ހުއްޓާލަންވީ.. އައިކާއާ އެއްވެސް ގުޅުމެއްވެސް ނުބާއްވަންވީ.. އެކުވެރިއަކަށްވެސް އޭނަ ނުފުދޭ.. އޭނަގެ މަތިން މުޅިން ހަނދާން ނައްތާލަންވީ.. މީހަކާ އިންނަންވީ.. އާ ދިރިއުޅުމެއް ފަށަންވީ.." ޒިޔާން ބުނެލިއެވެ.

"އަހަރެން އިތުރަކަށް އެމީހުންނަކަށް އެއްވެސް ޚަރަދެއް ނުކުރާނަން.. އެއީ އައިކާ އަހަރެންނަށް ނުލިބިގެނެއް ނޫން.. އަހަރެން އެކަން ހުއްޓާލީމަ އެގޮތަށް އަޑު ފެތުރޭނެކަންވެސް އެނގޭ.. އެކަމްވެސް އަހަރެންނަށް ވަރިހަމަ.. އަހަރެން އެކަން މި ހުއްޓާލަނީ އަހަރެންނަށް ލިބުނު ހުތުރު ނަމުން ގަތް ލަދެއްގެ ބޮޑުކަމުން.. އިތުރަށް އެކަހަލަ އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅެން ބޭނުންނުވާތީ.. އެކަމް އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެ އެވާހަކަ ޤަބޫލުނުކުރާކަން.. އެހެންވެ އަހަރެން އެމީހުންނާ ގުޅުން ކަނޑާލާކަށް ބޭނުމެއްނޫން.." މާޒް ބުނެލިއެވެ.

"އަހަރެން ނުބުނަމެއްނު އެމީހުންނާ ގުޅުން ކަނޑާލާކަށް.. އަހަރެން މިބުނީ ހަމައެކަނި އައިކާއާ ގުޅުން ކަނޑާލަން.. އޭނަ އަމިއްލައަށް އައިސް މާޒްގެ ފައިބުޑަށް ވެއްޓި މާފަށް ނޭދެނީސް މާޒް އޭނައާ ދިމާ ބަލާވެސްނުލާށޭ މިބުނީ.. އަހަރެންނަށް ހަމަ ޔަޤީން އޭނައަށް މާޒްގެ ފައިބުޑަށް ވެއްޓި އާދޭސްކޮށް މާފަށް އެދެން އަންނަންޖެހޭނެކަން.." ޒިޔާން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. ޒިޔާންގެ ވާހަކަތަކަށް މާޒް ބޯޖަހާލިއެވެ.

**********

ޔޫޝައު އާދައިގެ މަތިން އޮފީހުގައި އިންނަމަވެސް އޭނާއަކަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވެއެވެ. އައިކާގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރާތީއެވެ. އައިކާ މިހާރު އުޅޭނީ ވަރަށް ހާލުގައިކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އައިކާއަށް ގުޅާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާއަކީ އެއްއިރެއްގައިވެސް މިހާ ފިނޑި މީހެއްނޫނެވެ. އޭނާއަކީ ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. ނަމަވެސް ލޯބީގައި އޭނާ މުޅިން ބަލިކަށިކޮށްލައިފިއެވެ. ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟

ޔޫޝައު ވިސްނާލާފައި ފޯނު ނެގިއެވެ. އަދި އައިކާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ހަމަ އެވަގުތު ފޯނު ކަނޑާލައިފިއެވެ. ދެން އޭނާ ލެޕްޓޮޕް ދަބަހަށްލައި ފޯނާއި ދަބަސް ހިފައިގެން އަވަސް ހިނގުމެއްގައި އޮފީހުން ނުކުތެވެ. އޭނާ ދިޔަގޮތަށް ދިޔައީ އޭޓީއެމްއަށެވެ. އޭޓީއެމްއިން ފަސްހާސް ރުފިޔާ ނަގައިގެން އޭނާ ނިންމީ ގެއަށްދާށެވެ. ނަމަވެސް ކުއްލިއަކަށް ޚިޔާލު ބަދަލުވެ އޭނާގެ މިސްރާބު އޮފީހާ ދިމާއަށް ބަދަލުކޮށްލިއެވެ. އޭނާ ގޮސް ކެބިންއަށް ވަތްއިރު ނާޒް އިނީ ފޯނެއްގައެވެ. އޭނާ ފެނުނުއިރަށް އަވަހަށް ފޯނު ބާއްވައިފިއެވެ.

ޔޫޝައު އޭނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލާފައި މޭޒުގެ ވަތްގަނޑުން ނެގީ ނޯޓް ފޮތެކެވެ. އަދި އޭގައި އެއްޗެހިތަކެއް ލިޔަން ފެށިއެވެ. އެ ނޯޓް ލިޔެފައި އޭނާ ވޮލެޓުން ފަސްހާސް ރުފިޔާ ނަގައި ސިޓީ އުރައަކަށް އެ ނޯޓާއިއެކު ލިއެވެ. އަދި ލިހާމްއަށް ގުޅާލިއެވެ.

"ހެލޯ! ލިހޭ! މިއަދު ތިކޮޅަށް ފުރާ ލޯންޗެއް އެއްޗެއް އެބައޮތްތަ؟"

"ކިހިނެއްވީ؟ ބަލާލަން ޖެހޭނީ.." ލިހާމް ބުނެލިއެވެ.

"ބަލާލާފަ އަހަރެންނަށް އަންގާލަދީބަލަ.. ވަރަށް އަވަހަށް.." ޔޫޝައު ބުނެލިއެވެ.

"އާނ އޯކޭ.." ލިހާމްގެ ޖަވާބު ލިބުމާއެކު ޔޫޝައު ފޯނު ބޭއްވިއެވެ. އޭނާ އިނީ ދެން ވެދާނެ ގޮތަކާއިމެދު ވިސްނާށެވެ. އޭނާ އައިކާގެ ޚަބަރެއްވެސް ބަލާނުލާ ހުރެފައި ކުއްލިއަކަށް ފައިސާ ފޮނުވުމުން އައިކާމެން ހީކުރާނީ ކީކޭބާވައެވެ. ހަމަ ޔަޤީނުންވެސް އޭނާދެކެ ވަރަށް ރުޅިއަންނާނެއެވެ. ގުޅާފައި ހިތު ހުރިވަރަށް އެއްޗެހިވެސް ގޮވާލަފާނެއެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއްނެތެވެ. އައިކާއަކީ އޭނާގެ ދެދަރިންގެ މަންމައެވެ. ވީއިރު އޭނާއަށް އެހީތެރިވުމަކީ އޭނާގެ ވާޖިބެކެވެ.

އިރުކޮޅެއް ފަހުން އޭނާގެ ފޯނު ރިންގުވިއެވެ. ލިހާމްގެ ކޯލެއްކަމުން އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. ލިހާމް ބުނީ މެންދުރުފަހު އެކެއް ޖަހާއިރު ލޯންޗު މާލެއިން ރަށަށް ފުރާނެ ކަމަށެވެ. އޭނާ ގަޑި ބަލާލިއިރު އެކެއް ޖަހަން ފަނަރަ މިނެޓަށް ވެއްޖެއެވެ. ލިހާމްއަށް ޝުކުރު އަދާކޮށްފައި ޔޫޝައު ފޯނު ބޭއްވިއެވެ. އަދި އަވަސްއަވަހަށް އޮފީހުން ނުކުތެވެ. އޮފީހުން ނުކުތްގޮތަށް ސައިކަލުގައި އޭނާ މިސްރާބުޖެހީ ޖެޓީއަށެވެ. ޓްރެފިކުން ސަލާމަތްވެގެން އޭނާއަށް ޖެޓީއަށް ދެވުނުއިރު ލޯންޗުގެ ވާ މޮހާލަނީއެވެ.

ލޯންޗުގެ ކުރީކޮޅުގައި ހުރީ އޭނާ ދަންނަ މީހެކެވެ. އިރުފާންއެވެ. ދެތިން ފަހަރަކު އެ ލޯންޗުން ދަތުރުކުރެވިފައި ވުމާއެކު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވާތީ ދަންނަނީއެވެ.

"އިރޭ!" ޔޫޝައު އިރުފާންއަށް ގޮވާލާފައި އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުންޏެވެ. ޔޫޝައު އަވަސްއަވަހަށް ބަލާލީ ކައިރި ހިސާބަކުން ސައިކަލު ޕާރކްކޮށްލާނެ ހުސްތަންކޮޅެއް ލިބޭތޯއެވެ. ނަސީބަކުން ވަރަށް ކައިރިން ހުސްތަންކޮޅެއް ލިބުނެވެ. ޔޫޝައު ސައިކަލު ޕާރކްކޮށްލާފައި ތޮށިގަނޑުމައްޗަށް އަރައިގެން ލޯންޗު ކައިރިއަށް ދިޔައެވެ.

"އިރޭ! މީތި ގެންގޮސް އައިކާއާ ހަވާލުކޮށްލަދީބަލަ އިނގޭ.. ބުނޭ އަހަރެން ހަވާލުކުރި އެއްޗެކޭ.." ޔޫޝައު އެހެން ބުނެލުމުން އިރުފާން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. ލޯންޗު ނައްޓާލުމުން ޔޫޝައު އަނެއްކާވެސް މިސްރާބުޖެހީ އޮފީހަށެވެ. އައިކާއަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދެވުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާ މުޅިން ހަމަޖެހޭނީ އައިކާ އޭގެ ބޭނުން ކުރިކަން އެނގުމުންނެވެ.

**********

ހަވީރުގެ ވަގުތެވެ. އައިކާ ކޮޓަރީގައި އިނީ ބޭރަށް ދާހިތް ނުވެފައެވެ. މާޒްއާ ދިމާވެދާނެތީއެވެ. އޭނާ މާޒް ފެންނަ ހިސާބަށްވެސް ދާކަށް ބޭނުމެއްނުވެއެވެ. މާޒްއަކީ އޭނާގެ އުފާވެރި ދިރިއުޅުމަށް އެޅުނު ސުންޕާ ހިޔަންޏެކެވެ. އިތުރަށް މާޒްގެ ހިޔަނި އޭނާގެ ހަޔާތަށް އެޅޭކަށް އޭނާ ބޭނުމެއްނޫނެވެ.

ބޭރުން ސަލާމް ގޮވާލި އަޑަށް ލަމްހާ ބުރުގާ އަޅާލަމުން ބޭރަށް ނުކުތެވެ. އޭރު ބޭރު ދޮރު ކައިރީގައި ހުރި އިރުފާން ފެނުމުން އައިކާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިރުފާންއަކީ އެމީހުންނާ ވާހަކަ ދައްކާ އުޅުނަސް އެގެއަށް އަންނަ މީހެއް ނޫން ވިއްޔާއެވެ.

"އަނހާ އިރުފާން.. ކިހިނެއްވީ؟" ހައިރާންވެފައި އައިކާ އަހާލިއެވެ.

"މީ އައިކާއާ އެއްޗެއް ހަވާލުކޮށްލަންވެގެން.."

"ކޮން އެއްޗެއް؟" އައިކާ ހައިރާންކަމާއެކު އެހެން އަހާލުމުން އިރުފާން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލިއެވެ. އައިކާ އޭގައި ހިފަމުން އޭގެ ދެފުށް ބަލާލިއެވެ. އައިކާގެ ނަމާއި އެޑްރެސް ފިޔަވައި އެއްވެސް މަޢުލޫމާތެއް އެޔަކު ނެތެވެ. އައިކާ އިރުފާންއަށް ބަލާލުމުން އޭނާއަށް އައިކާ ބުނަން އުޅުނު އެއްޗެއް އެނގުނުފަދައެވެ.

"ތީ ޔޫޝައު ހަވާލުކުރި އެއްޗެއް.. ދެން ދަނީ.." ހިނިތުންވެލާފައި އިރުފާން ދާން ހިނގައިގަތެވެ.

އައިކާ ކެތްމަދުވެފައިހުރެ ގޮސް ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލިއެވެ. ޔޫޝައު އޭނާގެ ހާލު ބަލާނެކަން އޭނާއަށް ކުރިންވެސް ޔަޤީންކުރިއެވެ. ނަމަވެސް މާޔޫސްވީ ހަފްތާއެއް ވީއިރުވެސް ޔޫޝައުގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އެހެނަސް މިއަދު އަނެއްކާވެސް އޭނާއަށް އާ އުއްމީދެއް ލިބިއްޖެއެވެ.

ސިޓީއުރަ ހުޅުވާލުމާއެކު އޭގައިހުރި ފަސްސަތޭކައިގެ ނޫޓްތައް ފެނިފައި އައިކާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ނަމަވެސް އެވަގުތު އޭގެތެރޭ އޮތް ކަރުދާސްގަނޑެއް ފެނުމުން އަނެއްކާވެސް އޭނާގެ އުއްމީދުތައް އާވިއެވެ. އަވަސްއަވަހަށް އެ ގަނޑު ނަގައި ކިޔަން ފެށިއެވެ.

***** ޔޫޝައުގެ ނޯޓް *****

އައިކާއެވެ. އައިކާގެ ހާލު ކިހިނެއް ހެއްޔެވެ؟ އައިކާގެ ހާލު ރަނގަޅުވާނެކަމަށް އަހަރެން އުއްމީދުކުރަމެވެ.

އައިކާއެވެ. އަހަރެންނަށް ވިސްނާނުލާ އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށެވެ. އަހަރެންނަށް މާފްކުރާށެވެ. އަހަރެންނަށް ފެނުނު އެންމެ މަންޒަރެއްގެ ސަބަބުން އަހަރެން އައިކާގެ މައިންބަފައިންނަށް ވީ ވަޢުދުގެ މަތިން އަހަރެންނަށް ހަނދާން ނައްތާލެވުނީއެވެ. ނަމަވެސް އެއީ އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ވާނެ ގޮތްކަން ޚުދު އައިކާވެސް ޤަބޫލުކުރާނެއެވެ. އެކަމަށްވެސް އަހަރެން މާފަށް އެދެމެވެ.

އައިކާއެވެ. އައިކާ ތިއިނީ އަހަރެންގެ ދެދަރިންނަށް ބަލިވެކަން އަހަރެން ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ. އަހަރެން އައިކާއަށް ގުޅަން ބޭނުންވި ނަމަވެސް އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ގުޅަން ނުކެރުނީއެވެ. އައިކާ އުޅޭނީ ވަރަށް ދަތި ހާލުގައިކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. އަހަރެން އައިކާއަށް އެހީވާނަމެވެ. ކަމަކަށް ދަތިވާނަމަ ލަސްނުކޮށް އަހަރެންނަށް އަންގާށެވެ. އަހަރެން އެއްވެސް ޝަކުވާއަކާނުލާ އެކަމެއް ކޮށްދޭނަމެވެ. އަހަރެންގެ ދެދަރިން ރަނގަޅު ގޮތުގައި ބޮޑުކޮށްދޭށެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން އަދި ކޮންމެވެސް ދުވަހަކުން ބައްދަލުވާނެއެވެ. އަދިވެސް އެއްފަހަރު އަހަރެންނަށް މާފްކޮށްދިނުން އެދެމެވެ.

= ޔޫޝައު =

ނޯޓްކޮޅު ކިޔާ ނިމުމާއެކު އައިކާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އޭނާ އުއްމީދުކުރިފަދަ އެއްވެސް ބަސްކޮޅެއް އެ ނޯޓަކު ނެތެވެ. އޭނާ އުއްމީދުކުރީ އޭގައި ޔޫޝައު އޭނާދެކެ ލޯބިވާ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ. އަދި ޔޫޝައުއަށް ހަޤީޤަތް އެނގި އޭނާ ބަލައި އަންނަ ވާހަކަ އޮންނާނެކަމަށެވެ. ނަމަވެސް ކަންތައް މިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޔޫޝައުއަށް އަދިވެސް އެކަމުގެ ހަޤީޤަތެއް ނޭނގެއެވެ. އެކަމުގެ ހަޤީޤަތް ޔޫޝައުއަށް އަންގާނީވެސް ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް އައިކާ ދެލޯ ފޮހެލިއެވެ.

އަހަރެން ބޭނުން ނެތިގެން އަހަރެން ދޫކޮށްލި މީހަކަށްޓަކައި އަހަރެން ރޯންވީ ކީއްވެ ހެއްޔެވެ؟ ޔޫޝައު ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އަހަރެން މިއުޅެނީ ލާރި ނުލިބިގެން ހެއްޔެވެ؟ އަހަރެން މިއުޅޭ ހާލެއް އޭނާއަށް ހަމަ އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އިހުސާސްކުރެވޭނަމަ ކަންތައް ކުރާނީ އެގޮތަކަށް ނޫނެވެ. އަނތްބަކަށް އެންމެ ބޭނުންވާނީ ފިރިމީހާގެ ލޯތްބެއް ނޫން ހެއްޔެވެ؟ އެލޯބި ނުދެވޭނަމަ ކީއްކުރާ ފައިސާއެއް ހެއްޔެވެ؟ ޔޫޝައު ހީކުރީ ފައިސާއިން ހުރިހާ ކަމެއް ހަމަޖެހޭނެކަމަށް ހެއްޔެވެ؟ ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މުއްސަނދިންނަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އައިކާ ހިތާހިތުން ޔޫޝައުއަށް އެތިވަރު ގޮވިއެވެ. އަދި އޭނާގެ އަތުގައި ހުރި ނޫޓްތައް ކޮޓަރިތެރެއަށް ހޫރާލިއެވެ. އެވަގުތު ކޮޓަރިއަށް ވަތް ސަނާއަށް އެމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

"މިހާރު ކިހިނެއްވީ؟" ސަނާ ހިތްހަމަނުޖެހިފައި އަހާލިއެވެ. ކުރިން ދުވަހު އައިކާ މާޒްއާ ދިމާއަށް އެއްޗެހި ކީފަހުން ސަނާ ހުންނަނީ އަބަދުވެސް އައިކާދެކެ ހިތްހަމަނުޖެހިފައެވެ. ލޯބިން ވާހަކަދައްކަން ބޭނުންވިނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. މާޒް އެމީހުންނަށްވީ އެހީތެރިކަމުގެ ބަދަލު އައިކާ ދިންގޮތުން އޭނާ ހުންނަނީ މާޒްގެ އާއިލާ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ.

"ކޮންހާ ލާރިއެއް؟ އައިކާ ކިހިނެއްވެގެންތަ ތިއުޅެނީ؟"

"އެ ޔޫޝައު ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން މީ ލާރިއާ ހެދި ބޫތުކައިގެން އުޅޭ މީހެއްނޫނޭ.. އެ ޔޫޝައުއަށް ތި ފޮނުވާފަ ބުނޭ އަހަރެން އޭނަ ދޭ އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ.." އައިކާ ރުޅިއައިސްފައި ބުނެލިއިރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުން ދިޔައެވެ.

"ބަލަ އޭނަގެ ދަރިންނަށް އޭނަ ބަލާނެ ދޯ.. އެކުދިން އަދި އުފަންނުވިޔަސް އޭނަ އެކުދިން މަތިން ހަނދާން އެބަހުރިތާ.. މިދުނިޔޭގަ ބަފައިންގެ އެއްވެސް އެހީއެއް ނުލިބި ކިތައް ކުދިން ބޮޑެތިވަނީ.. ޔޫޝައު އެވަރުވެސް ކުރާތީ އެކަމާ ޝުކުރުކޮށްބަލަ.. އެޔެއްނޫން ވާގޮތަކީ.. އައިކާގެ ކަންތައްވެސް ހިސާބަށްވުރެ ބޮޑީ.." ސަނާ ރުޅިއައިސްގެން ކޮޓަރިން ނުކުމެގެން ދިޔައެވެ.

"ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟"

"އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ.."