މިއަހަރުގެ އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް ބޭނުންވާނަމަ ފޯމު އަނބުރާ ނެގުމަށްފަހު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފޯމު އަނބުރާ ގެންދާ ދަރިވަރުންނަށް ސްކޫލުގެ ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށެވެ.

އަދި މިގޮތަށް ފޯމު އަނބުރާ ނެގޭނީ އައިއޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ކަމަށްވެސް ބުނެފައެވެ.