މިހާރު ރާޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ސަދަން އޭރިއާގ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ވިއްސާރައިގައި ފުވައްމުލަކުސިޓީގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ 89 ގެއެއްގައި ވެލިބަސްތާ ޖަހައިފައެވެ. އަދި ވައިގަދަވެ 5 ގޯއްޗެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއް ނެގުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

މި ވިއްސާރައިގައި އައްޑޫ ސިޓީގެ 3 އަވަށަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެގޮތުން ފޭދޫ 2 ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަރާމާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެގޭތަކުގައި ފެން ބޮޑުވުމާ ގުޅިގެން ވެލި ބަސްތޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން ހިތަދޫގެ ގެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަރާމާތު ކޮށްދީފައިވެއެވެ. އޭގެ އިތުރުން 4 ގެއެއްގެ ގޯތިތެރޭގައި ހުރި ގަސްވެއްޓުމާ ގުޅިގެން ގަސްތައް ވެސް ވަނީ ނަގައިފައެވެ. އަދި 2 ގެއަކަށް ފެން ވަންނަ ކަމުގެ ރިޕޯޓް ލިބިގެން އެ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސަދަން އޭރިއާގެ ސިފައިން ކޮށްފައެވެ.

މީގެ އިތުރުން ވިއްސާރައާ ގުޅިގެން ސ. މަރަދޫ ގެއެއްގެ ތެރޭގައި ހުރި ރުކެއް ވަނީ ވެއްޓިފައެވެ. ސިފައިން ވަނީ އެރުއްވެސް ނަގައިދީފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބުމާ ގުޅިގެން އެމްއެންޑީއެފް އޭރިއާތަކުގައި ތިއްބަވާ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.