ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިވެހި ފުލުހުންނަށް ތަޢުރީފް ކުރައްވައި އެބޭފުޅުންނަށް ހިތްވަރު ދެއްވައިފިއެވެ.

މިނިސްޓަރ ޝާހިދު ފުލުހުންނަށް ތަޢުރީފް ކުރެއްވީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުވުމުގެ ގޮތުން އާންމުކުރެއްވި ކުރު ވިޑީއޯ މެސެޖެއްގައެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރުގެ ފުލުހުންގެ ދުވަސް މިއައީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އެއީ ފުލުހުންގެ ގާނޫނަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ވަގުތު ކަމަށް ވިދާޅުވިއެވެ.

"އަށްޑިހަ އަށްވަނަ ދިވެހި ފުލުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ އެންމެހާ ފުލުހުންނަށް އަޅުގަނޑު އަރިސް ކުރަން. މިއަހަރުގެ ފުލުހުންގެ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ ފުލުހުންގެ ގާނޫނަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ދަނޑިވަޅެއްގައި. އަޅުގަނޑުގެ އުންމީދަކީ އެ ގާނޫނުގައި ގެނެވިފައިވާ ހެޔޮ އިސްލާޙީ ބަދަލުތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާ ވެގެންދިޔުން،" މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންނަށް އިތުރު ކުރިއެރުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އޭގެ އިތުރުން "ރާއްޖޭގެ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކޮށްދެއްވުމަށް ފުލުހުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިފެހެއްޓުމެއްނެތް ތަޢުރީފް ރައްދުކުރަން،" ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.