ސްރީލަންކާއިން މި ވަގުތަށް ދައްކަން އޮތް ދަރަނިތައް ދެއްކިފާއިވާ ކަމަށާއި ދެން ދަރަންޏެއް ދައްކަން ޖެހޭނީ ޖުލައިގެ ފަހުން ކަމުގައި ކޮލޮމްބޯއިން ބުނެފިއެވެ. އެގައުމުން މިފަދައިން ހާމަކޮށްފައި ވަނީ، ބިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް މި ހަފްތާގައ ދެއްކުމަށްފަހުއެވެ.

ގައުމުތައް ރޭޓް ކުރާ މޫޑިޒްއިން ވަނީ ސްރީލަންކާގެ ކްރެޑިޓް ރޭޓިންގ ދެ ދަރަޖައަށް ދަށްކޮށްފައެވެ. މޫޑީން ބުނެފައިވާ ގޮތުން ސްރީލަންކާގެ ދަރަނި ދެއްކުމަށް އިތުރަށް ދަތިތަކާ ކުރިމަތިވާނެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދަކަށް ޗައިނާއިން ފައިސާ ނެގުމަށްފަހު ދެއްކުމުގައި ދަތިތަކާ ދިމާވެގެން ގައުމުގެ ބައެއް 90 އަހަރަށް ޗައިނާއަށް ދޭން ޖެހުނު ގައުމެކެވެ.

ސްރީލަންކާ ވަނީ ބީ2 ގްރޭޑުން ސީއޭއޭ1އަށް ދަށްކޮށްފައެވެ. ބީ2އަކީ ހައި ކްރެޑިޓް ރިސްކް ފަންތިއެވެ. މިހާރު އެގައުމު ވެއްޓިފައި ވަނީ ވެރީ ހައި ކްރެޑިޓް ރިސްކް ފަންތިއަށެވެ.

ސްރީކަންކާގެ ސެންޓްރަލް ބޭންކުން ބުނެފައިވަނީ މިހާރަށް ދައްކަން އޮތް ދަރަނި ދެއްކުމުން އިންވެސްޓަރުންގެ މެދުގައި ސްރީލަންކާގެ އިތުބާރު އާލާވާނެ އެވެ. އެފަރާތްތަކުގެ ނުތަނަވަސްކަން ފިލައިގެން ދާނެއެވެ.

ސްރީލަންކާގެ ހިއްސާގެ ބާޒާރު ވަނީ މިވާހަކަ އެދެވޭ ގޮތަކަށް ބަލައިގެންފައެވެ.

ސްރީލަންކާއިން ވަނީ މޫޑީން ދަރަޖަ ދަށް ކުރުމުން އެކަމަށް ފާޑުކިޔާފައެވެ. ކޮލޮމްބޯއިން ބުނެފައިވަނީ މިއީ އަވަސް އަރުވާލައިގެން އަޅާފައިވާ ބޭނުމެއް ނެތް ފިޔަވަޅެއް ކަމަށެވެ.

ސްރީލަންކާއިން ވަނީ ބޭރު ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމެއް އިންޑިއާގެ ރިޒަރވް ބޭންކާއެކު ހަދާފައެވެ. އަދި ޗައިނާއާއި ޖަޕާނާއެކު ބޮންޑާ ގުޅޭ މުއާމަލާތުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް ކޮޅުބުން ބުނެއެވެ.

ލަންކާގެ އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ ދަރަނީގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެންމެން ގުޅިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރން ޖެހޭނެ ކަމަށެވެ.