ޗައިނާގެ ސިނޯފާރމް ކުންފުނީގެ ވެކްސިން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި އުފައްދަން ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
އަބޫދާބީގައި ވެކްސިން އުފައްދަން ފަށަނީ، ޗައިނާގެ ސިނޯފާރމާއި، އަބޫދާބީގައި ގާއިމްވެފައިވާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ގްރޫޕް 42" ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކުންނެވެ.
މަސައްކަތް ފެށުމަށްޓަކައި އަބޫދާބީގެ ޚަލީފާ އިންޑަސްޓްރިއަލް ޒޯނުގައި މިހާރުވަނީ ވެކްސިން އުފައްދާ ކާރުޚާނާއެއް ބިނާކުރުމުގެ މަސައްކަތް ފެށިފައެވެ.
މި ކާރުޚާނާއަކީ އަހަރެއްގެ މައްޗަށް 200 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ކާރުޚާނާއަކަށް ވާނޭ ކަމަށް ޚަބަރުތައް ބުނެއެވެ. މިކާރުޚާނާގައި ފުޅިތަކުގައި ވެކްސިން ބަންދުކުރުމުގެ 3 ލައިން އަދި އޮޓޮމެޓިކް ޕެކޭޖިންގެ 5 ލައިން ހިމެނޭނެ ކަމަށްވެސް ބުނެއެވެ.
ޔޫއޭއީގައި އުފައްދާ ވެކްސިނަށް މިހާރުވަނީ ވަކި ނަމެއްވެސް ކަނޑައަޅާފައެވެ. އެއީ "ހަޔާތު-ވެކްސް" އެވެ.
ޔޫއޭއީގެ އަބޫދާބީގައި އުފައްދަން ފަށާ ވެކްސިނަކީ ޗައިނާގެ ސިނޯފާރމް ކުންފުނީގެ ނޭޝަނަލް ބަޔޯޓެކް ގްރޫޕްގެ ޔުނިޓެއް ކަމަށްވާ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓުން ޑިވެލޮޕްކޮށްފައިވާ ވެކްސިނެކެވެ.
ސިނޯފާރމް ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ޔޫއޭއީން ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް މި ވެކްސިން ސެޕްޓެމްބަރު މަހުން ފެށިގެން ދޭން ފަށާފައި ވެއެވެ.
"ހަޔާތު-ވެކްސް" ވެގެންދާނީ، އަރަބި ދުނިޔޭގައި އުފައްދާ ފުރަތަމަ ކޮވިޑް ވެކްސިނަށެވެ.
ވެކްސިން އުފެއްދުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ފެށުމަށް އަބޫދާބީގައި ކާރުޚާނާއެއް ހަދަން ފެށި ނަމަވެސް، ޔޫއޭއީގެ ރަސް އަލް-ޚައިމާގައި މިހާރުވެސް ސިނޯފާރމްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް އެބަ ކުރެއެވެ. އެ މަސައްކަތް ކުރަނީ ގަލްފް ފާމަޝޫޓިކަލް އިންޑަސްޓްރީޒް ޕީއެސްސީންނެވެ.
ސިނޯފާރމްގެ ވެކްސިންގެ އެންމެފަހުގެ ކްލިނިކަލް ޓްރައިލްސް މިދިޔަ އަހަރުގެ ޖުލައިން ފެށިގެން ޔޫއޭއީގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
ކްލިނިކަލް ޓްރައިލްސްގެ ނަތީޖާއަށްފަހު ޔޫއޭއީން ބުނެފައިވަނީ، ސިނޯފާރމް ވެކްސިންގެ އެފިކަސީ ޕަސެންޓޭޖް އުޅެނީ 86 ގައި ކަމަށެވެ.
ސިނޯފާރމުން ކުރިއަށް ގެންދިޔަ ޓްރައިލްސްތަކުން ދައްކާފައިވަނީ އެފިކަސީ ޕަސެންޓޭޖް 79.34 ގައި އުޅޭ ކަމަށެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީން މިމަހު ބުނެފައިވަނީ، ސިނޯފާރމް ވެކްސިންގެ ދެވަނަ ޑޯޒްދިން ބައެއް މީހުންގެ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް އެންޓިބޮޑީޒް ނުއުފެއްދުމުގެ ސަބަބުން ބައެއް މީހުންނަށް ތިންވަނަ ޑޯޒްވެސް ދެވިފައިވާނޭ ކަމަށެވެ. ނަމަވެސް، ތިންވަނަ ޑޯޒް ދޭން ޖެހުނީ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށް ކަމަށްވެސް ބުނެފައި ވެއެވެ.