ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ވައިޓު އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 3:00 އިން ފެށިގެން ހެނދުނު 9:00 އާ ހަމައަށެވެ.

މި ވަގުތުގައި ގަޑިއަކު ނަވާރަ މޭލާއި ސައުވީސް މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި ދެ ސިޓީއަށް އިއްޔެ ކުރި ވިއްސާރަގައިގައި ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. އެގޮތުން ބައެއްގޭގެ ފުރާޅު އެއްލައިލުމާއި ގެއަށް ފެންވަދެ ބައެއް ސާމާނުތަކަށް ވަނީ ގެއްލުންވެފައެވެ. އެފަދަ ފަރާތްތަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހެނދުނު 8:00 އާ ހަމައަށް ރާއްޖޭގެ އާންމު މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތަގަނޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެއެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.

ރާޅުގެ އުސްމިނަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ހުންނާނީ 6 ފޫޓާއި 8 ފޫޓެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނުގެ ރާޅު ކަމަށް މޫސުމާބެެހޭ އޮފީހުން ބުނެފައިވެއެވެ.

ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ. ހުރިހާ ފާރާތްތަކުން، (ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ) ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އަންގައިފައެވެ.