ލ. ކައްދޫ އިން މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ގެއްލިގެން ހޯދަނީ ލާންސް ކޯޕްރަލް ހުސައިން ފާރިޝް (ސާވިސް ނަންބަރު 7613) ކަމަށެވެެ.
އާޒިމް ވިދާޅުވީ ކައްދޫ އިރުމަތީ ފަރާތު މޫދަށް ސިފައިންގެ ހަތަރު މީހުން ފޭބިކަމަށެވެ. އޭގެ ތެރެއިން ގެއްލުނު މީހާ ހޯޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ފާރިޝް ގެއްލިގެން އެކަމުގެ ރިޕޯޓު ލިބުނީ މިއަދު 17:40 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި 4 މީހުން ވެސް މޫދަށް ދިޔައީ އެ މީހުންގެ އޮފް ޑިޔުޓީގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.
އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށްދާތީ ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށާއި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.