ގެއްލިގެން ހޯދި ސިފައިންގެ މީހާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ފާރިޝްގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދޫ އަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ލާންސް ކޯޕްރަލް ހުސައިން ފާރިޝް (ސާވިސް ނަންބަރު 7613) އެވެ. ފާރިޝް ގެއްލުނީ އިތުރު ތިން ސިފައިންގެ މީހުންނާއެކު ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް ފައިބައިގެން އުޅެނިކޮށެވެ.

މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބިގެން ހޮސްޕިޓަލަށް ފަރުވާ ދީފައި ވެއެވެ.