ކޮވިޑް-19 ބަލި އަލަށްޖެހޭ މީހުންގެ އަދަދުތައް ބޮއްސުންލައިގެންގޮސް، ހޮސްޕިޓަލްތަކަށް ނުކަތާވަރުވުމުގެ ކުރިން، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިންޑިއާގެ މައި ސަރުކާރުން، އިންޑިއާގެ ސްޓޭޓްތަކަށް އަންގައިފިއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝަން ސޮއިކުރައްވައި އިންޑިއާގެ 28 ސްޓޭޓަށް އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސްޓޭޓްތަކުގައި ކޭސްތައް ހައްތަހާ އިތުރުވަމުންދާ ކަމަށާއި، އެހެންކަމުން، ބަލިމީހުން ގިނަވެ ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމަށް ބާރުބޮޑުވެ ބަންޑުންވުމުގެ ކުރިން ފިޔަވަޅުތައް އެޅުމަށެވެ.

އިންޑިއާގެ ޑިސްޓްރިކްޓްތަކުން ބަލީގެ ކްލަސްޓަރތައް ފެންނަން ފަށާފައިވަނީ، ބައެއް ކަހަލަ އިވެންޓްތަކާ ގުޅިގެން ގިނަބަޔަކު އެއްތަންވުމުގެ ސަބަބުން ކަމަށާއި، މީހުންގެ އަމަލުތައް ހުރިގޮތުން ކަމަށް ހެލްތު ސެކްރެޓަރީ ވިދާޅުވެފައި ވެއެވެ.

އަންގާރަދުވަހު އެކަނިވެސް އިންޑިއާއިން 56،211 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ، މަދުން ޓެސްޓުތައް ހެދުމުންވެސް ނުކުތް ނަތީޖާއެވެ.

ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝަންގެ ސިޓީގައި، މާސްކް އެޅުމަށް އާންމުންނަށް މަޖުބޫރު ކުރުމަށާއި، އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމާއި، ޓެސްޓުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގެ މައްސަކަތް ފުޅާކޮށް ކަރަންޓީނުކުރުން ހަރުކަށި ކުރުމަށް، ނޫނީ "އޭގެ އަގު" އަދާކުރަން ތައްޔާރުވުމަށް ސްޓޭޓް ސަރުކާރުތަކަށް އަންގަވާފައި ވެއެވެ.

ސިއްހީ ފަރާތްތަކުން އިންޒާރު ދެމުންގެންދިޔަ ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނިވަޑައި ގަންނަވާގޮތުން، އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކުން ގެންދަވަނީ ކެމްޕެއިން އެއްވުންތައް ބާއްވައި، އެތައްހާސް އާންމުންނާ ބައްދަލު ކުރެއްވުމާއި، ތޮއްޖެހުން ބޮޑު، ގައިގޯޅިގޮތެއްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވަމުންނެވެ.

އެފަދަ އެއްވުންތަކާއި ބައްދަލުވުންތަކުގައި މާސްކް އަޅައިގެން ތިބެނީ މަދުބައެއްކަން މީޑިއާއިން ފާހަގަ ކުރެއެވެ.

އިންޑިއާގެ ބޮޑު 4 ސްޓޭޓެއްގެ، އެތައް ފޭސްއަކަށް ދެމިގެންދާ އާންމު އިންތިޚާބު ފެށިފައިވަނީ މިދިޔަ ހަފްތާގައެވެ. މި އިންތިޚާބު އަންނަ މަހާ ހަމައަށް ދެމިގެންދާނެއެވެ.

އިންޑިއާ ސަރުކާރުގެ ސިއްހަތާބެހޭ އިސް އޮފިޝަލް ވިނޯދު ކުމާރު ޕޯލް، ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތު އިންޑިއާގައި މިހާރުދަނީ ގޯހުން ގޯހަށް ކަމަށެވެ.

ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިންޑިއާގެ އެންމެ މުއްސަނދި މަހާރަޝްޓްރާ ސްޓޭޓްގައި މިހާރު ރޭގަނޑަށް ކާފިއު ހިންގާފައިވާއިރު، އެ ސްޓޭޓުން މިހާރު މަޝްވަރާ ކުރަމުން ގެންދަނީ މުޅި ސްޓޭޓް އެއްކޮށް ލޮކްޑައުން ކުރުމަށެވެ.

އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު 12.1 މިލިއަނަށް އަރައިގެން ގޮސްފައިވާއިރު، އެމެރިކާ، ބްރެޒިލް ފިޔަވައި، އިންޑިއާ ވެފައިވަނީ މުޅި ދުނިޔެއިންވެސް ކޮވިޑްބަލީގެ ހާލަތު ތިންވަނައަށް އެންމެ ގޯސް ގައުމަށެވެ.