ޖަރުމަނުގެ ބާރލިން ސްޓޭޓުން، އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އަނެއްކާވެސް ހުއްޓާލައިފިއެވެ.
މިފަހަރުވެސް ވެކްސިން ޖެހުން ހުއްޓާލީ، ބްލަޑް ކްލޮޓް ނުވަތަ ގަނޑުލޭކޮޅު އުފެދޭކަމުގެ ރިޕޯޓްތަކާ ގުޅިގެންނެވެ.
ބާރލިސްގެ ސިއްހަތާބެހޭ އެންމެ އިސް އޮފިޝާލް ޑިލެކް ކަލޭޗީ ވިދާޅުވީ، ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލީ ރައްކާތެރި ފިޔަވަޅެއްގެގޮތުން ކަމަށެވެ.
60 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ބާރލިންގުން ހުއްޓާލިއިރު، ޖަރުމަނުގެ 16 ސްޓޭޓުގެ މަންދޫބުން މިހާރުދަނީ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައްޔާރުވަމުންނެވެ.
ހުރިހާ ސްޓޭޓްތަކުން ބައްދަލުކުރަން ނިންމީ، އެސްޓްރަޒެނެކާގެ ވެކްސިން މިފަހުންޖެހި 32 މީހަކަށް، ނާދިރު ހާޅަތެއްގައިމެނުވީ ދިމާނުވާ ގަނޑުލޭކޮޅު އުފެއްދުމުގެ މައްސަލަ ދިމާވެގެން ޖަރުމަނުގެ މެޑިކަލް ރެގިއުލޭޓަރ އެކަން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވި 32 މީހުންގެ ތެރެއިން 9 މީހުންވަނީ މަރުވެފައެވެ.
މައްސަލަ ދިމާވި މީހުންގެ ތެރެއިން 2 ކޭސް ފިޔަވައި، ދެން ހިމެނެނީ އުމުރުން 20 އަހަރާއި 63 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ޖަރުމަނުގެ މެޑިކަލް ރެގިއުލޭޓަރ ހާމަކޮށްފައި ވެއެވެ.
ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވާކަމަށް ބެލެވިގެން ބާރލިންގެ ބައެއް ހޮސްޕިޓަލްތަކުންވަނީ، ޒުވާން އަންހެނުނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލާފައެވެ. އަދި 60 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ޖެހުން މިއުނިކުންވެސް ހުއްޓާލާފައި ވެއެވެ.
ޖަރުމަނުގައި މިހާތަނަށް އެސްޓްރަޒެނެކާގެ 2.7 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވެއެވެ.
އެ ވެކްސިން ޖަރުމަނުގައި ޖަހަމުން ގެންދަނީ، އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ކަމުން، ގިނައިން ވެކްސިންގެ ޑޯޒްތައް ޖަހާފައިވަނީ ޒުވާން އުމުގެ މީހުންނަށެވެ. އޭގެ ތެރެއިންވެސް ގިނައީ މެޑިކަލް ސްޓާފުންނާއި ޓީޗަރުންނެވެ.
ބްލަޑް ކްލޮޓްވުމުގެ ކަންބޮޑުވުންތަކާ ގުޅިގެން ޔޫރަޕްގެ އެތައް ގައުމަކުން މިމަހުގެ ކުރީކޮޅު އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލިއެވެ.
އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން އުފެދުނު ކަންބޮޑުވުންތައް ރިވިއު ކުރުމަށްފަހު ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފަވައިވަނީ، ވެކްސިންގެ ރިސްކަށްވުރެ އޭގެ ފައިދާ މާބޮޑު ކަމަށެވެ.
އެހެންކަމުން، އެ އިދާރާތަކުން ރެކޮމެންޑް ކޮށްފައިވަ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށެވެ.
އޭގެފަހުން ޔޫރަޕްގެ ބައެއް ގައުމުތަކުން އަލުން ވެކްސިން ޖަހަން ފަށާފައި ވަނިކޮށް މާޗް 19 ގައި ފްރާންސުން ވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ރަނގަޅީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކަމަށް ނިންމާފައެވެ. އެގޮތަށް ނިންމީ، ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވަނީ ވެކްސިންޖަހާ ޒުވާނުންނަށް ކަމުގެ ހެކި ލިބިގެން ކަމަށްވެސް ފްރާންސުން ބުނެފައި ވެއެވެ.
ގަނޑުލޭކޮޅު އުފެދުމުގެ ކަންބޮޑުވުންތަކާ ގުޅިގެން، އުމުރުން 55 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހޯމަދުވަހު ކެނެޑާއިންވެސް ވަނީ ހުއްޓާލާފައެވެ.