ކޯވިޑް 19 އިން ތަޢުލީމީ ދާއިރާއަށް ކުރަމުންދާ އަސަރު ކުޑަކުރުމަށްޓަކައި މުދައްރިސުން ކުރަމުންގެންދަނީ އަގުހުރި މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވަވައި އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވީ، ކޯވިޑް 19 ގެ މިހާލަތާއި ފުރަބަންދުގައި ވެސް މުދައްރިސުން އިސްނަގައިގެން ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވިކަމަށާ މުދައްރިސުން ވަމުން ގެންދާ ޤުރުބާނީއަކީ އެކަމަށް އަގު އަދާކުރަން ބޭނުންވިކަމުގައިވިޔަސް، ދޭ އުޖޫރައަކުން، ބުނެލާ ބަހަކުން، ނުވަތަ ފާހަގަކުރާ ދުވަހަކުން އަގު އަދާކުރެވޭނެ ޤުރުބާނީ އެއްނޫންކަމަށެވެ.

" މުދައްރިސުންނަކީ އަޅުގަނޑުމެންނަށް އަބަދުވެސް ޚާއްސަ ބައެއް. ކޯވިޑުގެ ޙާލަތުގައި، ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުވެ ގޭގެ މެދުގެއަށް ކިލާސްތައް އައުމުން މުދައްރިސުން ކުރައްވާ ދުވަހީ މަސައްކަތްތަކަށް އިތުރަށް ޤަދަރުދެވި މުދައްރިސުންނަށް ހިތުގައި ދެވިފައިވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެ." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިގޮތުން ސިއްޙީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން ކުރިން ނުފަރިތަ މަންސަތަކަށް ފަރިތަވެ، އެ ބޭނުންކުރުމަށް ތަމްރީނުހޯދާ، ދަރިވަރުންނަށް އައު ފިލާވަޅުތައް ނަގައިދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކެރުންތެރިކަމާއެކީ ޓެލިކިލާސްތަކުގައި ލަވައާއި ޅެން ކިޔައިދީ ގޫގުލް ކިލާސްރޫމްތަކުގައި އެކިއެކި ކުޅިވަރުތަކާއި ކިޔަވައިދިނުމުގެ އުކުޅުތަކުގެ ޒަރީއާއިން ދަރިވަރުންގެ ސަމާލުކަން ހޯދާފައިވާގޮތް ފެނިފައި އެކަމަށް ތައްޔާރުވުމަށް ކުރާ ބުރަ މަސައްކަތްތަކަށް މުޖްތަމަޢުގެ އިޙްތިރާމް ލިބިފައިވޭ. އެންމެ ކުއްޖެއް، ފިލާވަޅުގައި މަޝްޣޫލުކުރުމަށްޓަކައި ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން މުދައްރިސެއް ކިލާހެއްގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތަށް ޝަރަފު ދެވިއްޖެއް."އެޑިއެކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.