އިންތިހާބަކާއި ނުލައި ކުރިއަށް އޮތް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ 53 ގޮނޑި އެމްޑީޕީ އަށް ކަށަވަރުވެއްޖެއެވެ.

ރޭ އެމްޑީޕީން އޮންލައިންކޮށް ރަށްތަކުގެ ކެންޑިޑޭޓުންނާއި ބައްދަލުކުރުމަށް ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން އިވެންޓުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 681 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އޭގެތެރެއިން 53 ގޮނޑި އެމްޑީޕީ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 841 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެތެރެއިން 21 ގޮނޑި މިހާރު ވެސް އެމްޑީޕީ އަށް ކަށަވަރުވެފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން މި ދެ އިންތިހާބަށް ޖުމްލަ 1522 ކެންޑިޑޭޓުން ވާދަކުރެއެވެ.