ފަލަސްތީނުގެ ޣައްޒާގައި އަލަށް ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދުތައް ނުރައްކާތެރި މިންވަރަކަށް މައްޗަށް ހިނގައްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުދަދުވަހު ބުނީ، އޭގެކުރީ ދުވަހު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.

މިއީ، އެތައް މަހަކަށްފަހު ޣައްޒާއިން އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕްރައިމެރީ ކެއަރ މަޖްދީ ދާހިރު ވިދާޅުވީ، އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ނުރައްކާތެރި މިންވަރަކަށް މައްޗަށް ދިއުމުގެ އިތުރުން، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައްވެސް މަތިވަމުން އަންނަ ކަމަށެވެ.

2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަންކުރަނީ ހަމާސްއިންނެވެ.

ހަމާސްއަށް އަދަބު ދިނުމުގެ ނަމުގައި އިސްރާއީލުން އޮންނަނީ އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ޣައްޒާ ބަންދުކޮށް ހިސާރުކޮށްފައެވެ.

މިހާލަތުގައި އޮތް ޣައްޒާއިން މިހާތަނަށް 65،500 މީހުންނަށް ކޮވިޑްބަލި ޖެހިފައި ވެއެވެ. އަދި 610 މީހުން ބަލީގައި މަރުވެފައި ވެއެވެ.

ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ހަމާސްގެ ސަރުކާރުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާގައިވަނީ ރޭގަނޑު 9:00 ގެ ފަހުން ކާފިއު ހިންގާފައެވެ.

އަދި ބުދަ ދުވަހުން ފެށިގެން އާންމު އެއްވުންތައް ބޭއްވުން މަނާކޮށް އިތުރު ހަރުކަށި އިތުރު ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ.

ޣައްޒާގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވި ނަމަވެސް، ހުޅަނގު އައްސޭރީގައި ބަލިޖެހޭ މީހުންގެ ރޭޓު ދަށްވަމުން އަންނަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓަރ މާއި އަލް-ކާއިލާ ވިދާޅުވެފައި ވެއެވެ.

ހުޅަނގު އައްސޭރިން މިހާތަނަށް 175،000 މީހުންނަށް ކޮވިޑްބަލި ޖެހިފައިވާއިރު، ބަލީގައި 2،004 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މިދިޔަ ހޯމަ ދުވަހާ ހަމައަށް ހުޅަނގު އައްސޭރިއާއި ޣައްޒާއިން 69،000 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ޣައްޒާއަށް މިހާތަނަށް 80،000 އަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ގެންގޮސްފައިވާއިރު، ޣައްޒާއަށް ވެކްސިން ފޯރުކޮށްދިނީ ރަޝިޔާއާއި ޔޫއޭއީންނެވެ.

ހުޅަނގު އައްސޭރީގައި ހިންގާ ފަލަސްތީނު ސަރުކާރަށް ވެކްސިން ފޯރުކޮށްދީފައިވަނީ ކޮވެކްސް ސްކީމްގެ ތެރެއިންނާއި، ރަޝިޔާއިންނެވެ.