އިންޑިއާއިން ހަކުރާއި ކަފަ އިމްޕޯޓްކުރުމުގެ ހުއްދަ ޕާކިސްތާނު ސަރުކާރުން ދީފިއެވެ.

އަވަށްޓެރި އިންޑިއާއިން ހަކުރު އެތެރެކުރުމުގެ ހުއްދަ ޕާކިސްތާނުން މިދިނީ، އެކަން މަނާކޮށްފައި އޮންނަތާ ގަތްގަނޑަކަށް ދެއަހަރު ފަހުންނެވެ.

ވެރިރަށް އިސްލާމްއާބާދުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނު ސަރުކާރުގެ ފިނޭންސް މިނިސްޓަރ ހައްމާދު އަޒްހަރު ވިދާޅުވީ، އިންޑިއާއިން 500،000 ޓަނުގެ ހުދު ހަކުރު އެތެރެކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ، ޕާކިސްތާނުގައި ހަކުރުގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޕާކިސްތާނާ އަޅާ ބަލާއިރު އިންޑިއާގައި ހަކުރުގެ އަގު ވަރަށް ހެޔޮ ކަމަށާއި، އެހެންވެ، އިންޑިއާއެކު ހަކުރުގެ ވިޔަފާރި ކުރުމުގެ މަގު އަލުން ހުޅުވާލައި، އިންޑިއާއިން 500،000 ޓަނުގެ ހަކުރު އެތެރެކުރުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމަ އެއާއެކު، އިންޑިއާއިން ރޯ ކަފަ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އުވާލަންވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހައްމާދު އަޒްހަރު ވިދާޅުވިއެވެ.

ކަފަ އެތެރެކުރަން ހުއްދަދޭން ނިންމި ސަބަބާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ޕާކިސްތާނުގެ ފޮތީގެ އެކްސްޕޯޓް އިތުރުވެ، ކަފައިގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ރޯ ކަފައިގެ ޑިމާންޑް އެހާ ބޮޑުވެގެންދިޔައީ ޕާކިސްތާނުގައި މިދިޔަ އަހަރު ހެއްދި ކަފަ ރަނގަޅު ނުވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ޕާކިސްތާނަށް ކަފަ އިމްޕޯޓްކުރާ ކަމަށާއި، އެ ފުރުސަތު ނެތީ އިންޑިއާއަށް އެކަނި ކަމާއި، އެގޮތަށް އޮތުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން ހަކުރާއި ކަފަ އިމްޕޯޓްކުރަން ޕާކިސްތާނުން ނިންމި ނިންމުމަކީ، ދެގައުމުގެ ހީނަރުވެ އަދި ގަނޑުވެފައިވާ ގުޅުންތައް ރަނގަޅުވާން އުޅޭކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެމެދު ގުޅުން ރަނގަޅުވާން އުޅޭކަމުގެ ނިޝާންތައް އެހެން ދިމަދިމާއިންވެސް މިފަހުން ފެންނަން ފަށާފައި ވެއެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެމެދުއޮތް މާޒީގެ ހިތި ގުޅުމުގެ ސަފްހާތައް ނެތިކޮށްލަން ޖެހޭ ކަމަށް ޕާކިސްތާނުގެ ނުފޫޒުގަދަ ސިފައިންގެ ވެރިޔާ ދާދިފަހުން ވިދާޅުވެފައި ވާއިރު، މިދިޔަ ހަފްތާގައި ފާހަގަކުރި ޕާކިސްތާނު ޑޭއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

އެ ސިޓީގައި، ޕާކިސްތާނާއެކު ސުލްހަވެރި ގުޅުމެއް ބާއްވަން އެދިވަޑައިގަންނަވާކަން މޯދީ ހާމަކުރައްވާފައި ވާއިރު، ސިޓީގެ ޖަވާބުގައި އިމްރާން ޚާންވެސްވަނީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، އިންޑިއާއާއެކު ސުލްހަވެރި އެކުވެރި ގުޅުމަކަށް ދިއުމަށް ޕާކިސްތާނުންވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.