ކުރީ ޒަމާނުގައި ދިވެހި ރާއްޖޭގެ ގޭގޭގައި ތަޅުން އަޅާފައެއް ނުހުރެއެވެ. 1960 ގެ އަހަރުތަކާ ޖެހުނުއިރު ވެސް ގިނަ ގޭގެއަށް ހުންނަނީ ވެލިލައިފައެވެ. ތަޅުން އަޅާފައި ހުންނަނީ މާލެއާއި އަތޮޅުތެރޭގެ މަދު ގެއެއްގައެވެ. ދެކުނުގެ ތިން އަތޮޅު ފިޔަވައި އެހެން ހިސާބުތަކުގައި ގޭތެރެއަށް ލާން ގެންގުޅުނީ ދޮންވެއްޔެވެ.
މިގޮތަށް ދޮންވެލި ލުމުން ފައިގައި ވެލި ތަތްލުންފަދަ އުނދަގޫތައް ދިމާވެއެވެ. އޭގެ ބަދަލުގައި ކަށިވެލި ލުމުން މިފަދަ އުނދަގޫތައް ކުޑަވެއެވެ. އެހެންވެ ތަނަވަސް މީހުން ބޭނުންކޮށް ހެދީ ކަށިވެއްޔެވެ. ކަށިވެލިން އެ މައްސަލަ ކުޑަވެއެވެ. އެހެނަސް މުޅިން ހައްލެއް ނުވެއެވެ.
މައްސަލަ މުޅިން ހައްލުވަނީ އައްޑޫއާއި ފުވައްމުލަކާއި ހުވަދޫގެ ބައެއް ރަށްރަށުގައި ބޭނުންކޮށްހެދި އެށެވެލިންނެވެ. (ފުވައްމުލަކުގައި ނަމަ އޭށެވެލި). ޚާއްސަކޮށް ފުވައްމުލަކުގައި ވަރަށް އޮމާން އޮފުއަރާ ވެލި ހުރެއެވެ. އެ ވެއްޔަށް އެ ފެންވަރު އަންނަނީ އެރަށު މޫދުގައި ރާޅާއެކު ވެލިފުއްތައް ގާގަލާއި އެކު ގޭނި އޮމާންވާތީއެވެ. އައްޑޫ މީދޫ ވޭރާނޑު ހިސާބުގައި ވެސް ދާދި އެ ފެންވަރުގެ ވެލި ހުރެއެވެ.
ގޮނޑުދޮށުން ވެލި ނެގުމަކީ އެ ދުވަސްވަރު އަންހެނުންނަށް ޚާއްސަ މަސައްކަތެކެވެ. އެ ވެރިން އަތިރިމައްޗަށް ގޮސް ފުރަތަމަ ކުރާކަމަކީ ވެލި ހެދުމެވެ. ވެލި ހެދުމަކީ އަތިރިމަތީގައ އެށެވެލި އަރާފައި ހުންނަތަނެއް ހޯދައި އެތަނުގައި ވެއްޔާއެކުގައި ހުންނަ އަކިރިއާއި، ގަލާއި ބޮލިފަދަ އެއްޗެތި ނަގައި ސާފުކުރުމެވެ. ކުރިން މިކަންކޮށްހެދީ އަތުންނެވެ. ފަހުންފަހުން ދަގަނޑު ފުރޭނި ބޭނުންކޮށްހެދިއެވެ. ވެލި ހެދުމަށްފަހު މުޅޯއްޓަށް އަޅައިގެން ގެންގޮސް ރާޅު ނާރާ ފަށުގައި ދެތިން ވެލި ފުނިޖަހައެވެ. އެ ފުނިތައް ހުންނަނީ ސައިޒަށް ބަލައިގެން ވަކިކޮށްފައެވެ.
ދިހަ ބާރަ ގޯނި ފުރޭވަރަށް ވެލި ފުނި ޖެހުނީމާ ގެއަށް ގެންދަން ފިރިހެން ގްރޫޕަކާ ހަވާލުކުރަނީއެވެ. އެމީހުން އަންނާނީ ދަމާގާޑިއަލަކާއި ގޯނި ހިފައިގެންނެވެ. އައިސް ގޯނިގޯންޏަށް އަޅައި ވަކައިން ތުން ފަހައެވެ. ދެން ބަސްތާތަށް ގާޑިޔަލަށް ލައިގެން ގެއަށް ގެންދަނީއެވެ. ދާނީ ވަރަށް ފޯރީގައި އަންބާ ކިޔަމުންނެވެ. އެހެން ކިޔާ އަންބާތަކުގެ ތެރެއިން އަންބާއެއް ތިރީގައި މިވަނީއެވެ.
"ޖަންބުގެ ވަސް ފިނިފެން ނޯށުން އަންނަ އަރާމުން ހަށިފުރަމާ؛
ގަންނަ މަހެލި ހިތްވޭ ފަހަތުން ތޯތާ ދިޔުމުން ނީދެ ދަމާ."
ފުވައްމުލަކުގައި ގޭގެއަށް ވެލިލާއިރު އެންމެ ހިމުން ވެލިލާނީ މަވަލްގެއަށެވެ. އެ ހުންނާނީ ފަލަ ހަނޑޫފުކެއްގެ ސައިޒަށެވެ. އެއާ ޖެހުނު ބައި ލާނީ ބޭރުގެއަށެވެ. އޭގެ ސައިޒު މަދޮށްޓެއްވަރު ވާނެއެވެ. އެންމެ ބޮޑު ސައިޒުގެ ވެލިލާނީ ބަދިގެއަށެވެ. މީގެ އިތުރުން ގޯތީގެ ބޭރުން ވަދެގެން އަންނަ ހިސާބަށް ވެސް ވެލި ލާނެއެވެ. އެތަނަށް ލަނީ ގޭތެރެއިން ނެރޭ ބާ ވެއްޔެވެ.
މީދޫގައި އާއްމުކޮށް އަހަރަކު އެއްފަހަރު ވެލިލާނެއެވެ. އާއްމުކޮށް އެކަން ކުރަނީ ޝަޢުބާންމަހު 28 ވަނަ ދުވަހުއެވެ. އެއިރުން 29 ވަނަ ދުވަހު ހަނދުބަލާއިރު ގޯއްޗާއި ގޭތެރެ އޮންނާނީ ރީތިކުރެވިފައެވެ. ބައެއް މީހުން އަހަރުގެ މެދުތެރޭގައި ވެސް ވެލިލާނެއެވެ. އެފަހަރު އާވެލި ލާނީ އެތެރެގެއަށް އެކަންޏެވެ. ބޭރުގެއަށް ލާނީ އެތަނުން ނެރޭ ބާ ވެއްޔެވެ.
ގޯތިތެރޭގައި އަބަދުވެސް ހުންނާނީ ގެއިން ނެރޭ ބާވެއްޔެވެ. އަވީގައި ދުވަސްކޮޅެއްވީމާ އެ ވެލީގެ ކުލަ އަޅިކުލައަކަށް ބަދަލުވާނެއެވެ. ގޯތިތެރޭގައި ހުންނަ ވެއްޔަށް ދިމާވާ އެއް މައްސަލައަކީ އެތަނުގައި އުޅޭ ކުކުޅުހާ އެއަށް ގުއިރުމެވެ. ފުވައްމުލަކުގައި ގުއި ނަގަން ޚާއްސަ 'ގޫއުނދުޅި' ބޭނުން ކުރެއެވެ. ހަޑިވެފައި ހުންނަވެލި އުނދުޅިން ނަގާފައި އުކާނީ 'ގޫކޭލް ވަޑަ'ށެވެ. އެއީ އެކަމަށް ޚާއްސަކޮށްފައި ހުންނަ ކެޔޮފީންޏެއްގެ ބުޑެވެ.
ފުވައްމުލަކު ތޫނޑު ސަރަހައްދުގައި ހުންނައޮފު އަރާ ވެއްޔަކީ ރީތިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު އެއްޗެކެވެ. އެ ތަނުން އެ ވެލި ނަގައިގެން އެހެން ރަށްރަށަށް ގެންދަން ބޭނުންވާ މީހުން ވަރަށް ގިނައެވެ. އެހެނަސް އިހުގައި އެކަން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިފައެވެ. އެއީ ޘަޤާފީ ގޮތުން ކިޔަމުން އަންނަ ވާހަކަތަކަކާ ހެދިއެވެ. މީހުން ޤަބޫލުކުރިގޮތުން ތޫނޑުން ވެލި ހިފައިގެން ދަތުރު ކުރާ ދޯނިފަހަރު ވިއްސާރައިގާޖެހެއެވެ. ސަލާމަތް ވަނީ ވެލިތައް އުކާލައިގެންނެވެ. މި ވާހަކަތަކަކީ ރަށްރަށަށް ވެލި ގެންދިޔުމަށް ހުރި ހުރަހަކަށް ވެއެވެ.
ޒަމާން ބަދަލުވެ މިހާރުގެ މީހުން މިކަހަލަ ވާހަކަތަކެއް ގަބޫލެއް ނުކުރެއެވެ. އަދި އިންޖީނު އުޅަނދުފަހަރު އައުމުގެ ސަބަބުން ވެލި ގެންދިޔުން ވަނީ އިތުރުވެފައެވެ. ހަމަ މިއާއެކީގައި ރަށުތެރޭގައި ހަދަމުންދާ ގޭގެއަށް ވެސް ވެލީގެ ބޭނުން ވަނީ އިތުރުވެފައެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި މިހާރު ރަށުގެ ހުރިހާ ބީޗްތަކުން ވެސް އެއްވެސް ބާވަތެއްގެ ވެއްޔެއް ނެގުން ވަނީ މަނާކޮށްފައެވެ. އެހެނަސް އެގަވާއިދު އޮންނަނީ ނިހިފެހެއްޓިފައެވެ. އެށެ ވެއްޔަކީ މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްގެން ޙިމާޔަތްކުރަންޖެހޭ އެއްޗެކެވެ.