އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަވަސް އަރުވާލައިގެން އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ނިންމި، މޭ 1 ވަނަ ދުވަހުގެ މުއްދަތު އައިސް ޖެހެނީއެވެ. އެމެރިކާގެ އައު ސަރުކާރުން ޓްރަމްޕް ސަރުކާރުގެ އެއްބަސްވުމަށް ބަދަލު ގެންނާނެ ތޯ ނުވަތަ އެއަށް އަމަލު ކުރާނެ ތޯ އަދި ސާފެއް ނުވެއެވެ. ތާލިބާނާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންގެ 2500 މީހުން އަފްޣާނިސްތާނުން ބާލަން ޖެހެއެވެ. އެމެރިކާއިން ނިންމާ ކޮންމެ ނިންމުމެއް ވެގެން ދާނީ އަފްޣާނިސްތާންގެ މަސްރަހްގައި މިހާރު ހަރަކާތްތެރިވާ ކޮންމެ ބަޔަކަށްވެސް އެއިން އަސަރެއް ކުރާނެފަދަ ނިންމުމަކަށެވެ. އަދި މިއިން އަފްޣާނިސްތާންގެ ސިޔާސީ މަސްރަހް ބައްޓަން ވެގެން ދާނެއެވެ. އަފްޣާނިސްތާންގައި މަސްލަހަތު އޮތް ކޮންމެ ގައުމަކުން އޮތީ އެމެރިކާގެ ނިންމުމަށް ބަލަބަލައެވެ. ޔަގީނުންވެސް އެއްވެސް ފަރާތަކުން އަމިއްލައަށް އަފްޣާނިސްތާންގެ ސަލާމަތަށްތަކައި ފިޔަވަޅެއް އަޅަނީ ނަމަ އެފިޔަވަޅު ވެގެންދާނީ ނުރައްކާތެރި ފިޔަވަޅަކަށެވެ.
އަފްޣާނިސްތާންގައި ސަލާމަތީ ހާލަތު މިސްރާބް ޖަހާފައި ވަނީ ނާޒުކު ދިމާއަކަށެވެ. އެމެރިކާ ސިފައިން ފައިބަން ޖެހޭ ދުވަސް ކައިރިވާއިރު ހަނގުރާވެރި ފަރާތްތަކުގެ ދެމެދުގެ ހަތުރުވެރިކަން ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ތާލިބާޏުން ދެކޭ ގޮތުގައި އެފަރާތަށް އެންމެ ބޮޑު ސިޔާސީ ކާމިޔާބީއެއް ލިބޭނީ ކުރިން ވެހްނދެމުން ދިޔަ ގޮތަށް ހަމަލަތައް ދީ ދަމަހައްޓައިގެންނެވެ. އަދި މިއިން ސަރުކާރު ތާލިބާންގެ އަތް ދަށަށް ގެނެވި އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް މަޖުބޫރު ކުރުވޭނެ ކަމަށެވެ.
އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލް ޣަނީ ދެކެވަޑައިގަންނަވާ ގޮތުގައި ތާލިބާން ވެރިކަމާ ދުރުގައި ބެހެއްޓޭނީ ކުރިން ވެސް ދެމުން ދިޔަ ގޮތަށް އެމީހުންގެ ނުރައްކާ ކުޑަ ކުރުމަށް ހަމަލަތައް ދީ ދަމަހައްޓައިގެންނެވެ. ތަލިބާނަކީ މާޒީގައިވެސް އިސްލާމީ ވެރިކަމެއްގެ ނަމުގައި ހައްދުފަހަނަޅާފައިވާ ހަމަތަކެއް ގެންގުޅުނު ބަޔެކެވެ. އަދި ތާލިބާން ބަލި ނުކުރެވޭނަމަ މުޅި ހަރަކާތް ވެގެންދާނީ އަފްޣާނިސްތާނަށް ކާރިސާއަކަށް ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.
އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ބާއްވަމުން ގެންދިޔަ އިރުވެސް ތާލިބާނުން ހަމަލަތައް ދިނުން މެދު ކަނޑާލާފައެއް ނުވެއެވެ. ސުލްހައިގެ މަސައްކަތް މިއަދާހަމައަށް އައިއިރު ފެންނަނީ ތާލިބާންގެ ހަމަލަތައް އިތުރުވެފައިވާ ތަނެވެ. އަދި 2020ގައި އަފްގާނިސްތާންގައި ދީފައިވާ ހަމަލަތައް 15 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާ ކަން ފާހަގަވެއެވެ.
ޓްރަމްޕް ސަރުކާރުން އަފްޣާނިސްތާނުން ފައިބައިގެން ދިއުން އަވަސް ކޮށްލުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވަނީ އެމެރިކާ ސިފައިން ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލަތައް ދިނުން ހުއްޓާލާނެ ކަމަށެވެ. އަދި ތާލިބާނުންވެސް އެމެރިކާ ސިފައިންނަށް ހަމަލަ ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ތާލިބާނާއި އަފްޣާނިސްތާން ސިފައިންނާ ދެމެދު މިފަދަ އެއްބަސްވުމެއް ނެތެވެ. އަދި މީގެ ސަބަބުން ދެ ފަރާތް ދެމެދު އަދާވާތްތެރިކަމަށް މަގުފަހިކޮށްދީފައި ވެއެވެ.
އެމެރިކާއާއި ތާލިބާނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތާލިބާނުން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.
އެމެރިކާގެ މުހައްލިލުން ވަޒަންކޮށްފައިވާ ގޮތުން ތާލިބާނުން، 2001 ގައި ވެރިކަމުން ފައްސާލި ފަހުން އެމީހުން އެންމެ ބޮޑަށް ކާމިޔާބީއެއް ލިބިފައި ވަނީ ޓްރަމްޕްގެ އެއްބަސްވުމުންނެވެ.
އެމެރިކާ ރައީސް ބައިޑެންއަށް ވަނީ އުނދަނގޫ ހައްލެއް ހޯއްދަވަން ޖެހިވަޑައިގެންފައެވެ. ދޯހަގައި ތާލިބާނާއެކު އެމެރިކާއިން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސިފައިން ނުބާލަނީނަމަ، އެމެރިކާއިން މި އެއްބަސްވުމަށް އިޙުތިރާމް ނުކުރީކަމުގައި ވެގެންދާނެއެވެ. ،މިހެން ވެއްޖެނަމަ، ތާލިބާނަށް އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލުމަށް ފުރުސަތު ދެވުނީއެވެ. އަދި ސިފައި ނުބާލައިފިނަމަ، އަފްޣާނިސްތާންގެ އަހުލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލެވި އިތުރު ހަމަނުޖެހުމަށް ދޮރެއް ހުޅުވާ ލެވުނީއެވެ.
މިމައްސަލަ މިހާރު އޮތް ނާޒުކު ހިސާބުން އަދި އެމެރިކާގެ ރައީސް ސާފު ސިޔާސަތެއް އަފްޣާނިސްތާނާ ބެހޭ ގޮތުން ސާފުކޮށް ބަޔާން ކުރައްވާފައެއް ނުވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އަފްޣާނިސްތާންގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ހަމަލަތައް ހުއްޓާލައި ފުރިހަމަ އެއްބަސްވުމަކަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެމެރިކާއިން ހުށަހަޅާފައި ވަނީ، ތާލިބާނާއެކު ކާބުލްގެ ސަރުކާރުން ވެރިކަން ހިއްސާ ކުރުމަށެވެ.
މިއާ ވިއްދައިގެން އަފްޣާން ރައީސް އަޝްރަފް އަބްދުލް ޣަނީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ތާލިބާނުންވެސް ވޯޓު ފޮށިން ވެރިކަމަށް އައުމުގައި މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ވޯތުން ހޮވާފައިވާ ސަރުކާރެއް، އިންތިޚާބަކާ ނުލައި އަންނަ ބަޔަކާ ހަވާލުކުރެވޭނެ އެއްވެސ ގޮތެއް ނޯންނާނެ ކަމަށެވެ.
އެމެރިކާއަށް މިހާރު ސާފުވެފައި ވަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ހިއްސާއެއް ނެތި އަފްޣާނިސްތާންގެ ސުލްހައިގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމެވެ. އަދި އަވަށްޓެރިން ބައިވެރި ކުރަންވެސް އެމެރިކާއިން ބޭނުން ވެއެވެ.
އެމެރިކާއިން ވަނީ ތުރުކީވިލާތާއި ރަޝިޔާގައި ސުލްޙައިގެ މަޝްވަރާތައް ބާއްވާފައެވެ. މީގައި އަފްޣާނިސްތާންގެ ފަރާތްތަކާއި ޗައިނާއާއި ރަޝިޔާއާއި ޕާކިސްތާނާއި އިންޑިއާ އަދި އެމެރިކާވެސް އީރާންވެސް ބައިވެރިވެފައި ވެއެވެ.
އެންމެ ފަހުން އެމރިކާއިން ހުށަހަޅާފައި ވަނީ އދގެ ބެލުމުގެ ދަށުން ސަރަހައްދީ އަދި އަފްޣާނިސްތާންގެ މަސްލަހަތު އޮންނަ ގައުމުތަކުގެ ޚާރިޖީ ވަޒިރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރާށެވެ.
މިހާތަނަށް އެމެރިކާއަށްވެސް އަދި ރަޝިޔާއަށްވެސް އެނގިގެން ދިޔަ އެއްކަމަކީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށްޓަކައި އެންމެން ޝާމިލް ނުވާ ފޯމިއުލާއަކީ ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން ކަމަށެވެ.
އަފްޣާނިސްތާންގެ ސުލްހައަށް އަދި އޮތީ ފަނޑު ފުރުސަތެކެވެ. ތާލިބާނަށް ރަޝިޔާއިން ވަނީ ތާއީދު ކޮށްފައެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ބާލައި އެމީހުން ބަލިކޮށްލުމަށް އޮތް ހަމައެކަނި ބާރަކީ ތާލިބާނުން ކަމަށް ވުމުން ރަޝިޔާއިން ވަނީ މިއީ "ގައުމީ ހަރަކާތެއް" ކަމަށް ސިފަ ކޮށްފައެވެ. އަނެއް ކޮޅުން ތާލިބާން ވުޖޫދަށް އައި ހިސާބުން މިއަދާހަމައަށްވެސް ތާލިބާންގެ މަދަދްގާރަކީ ޕާކިސްތާނެވެ. އަފްޣާނިސްތާންގައި ޕާކިސްތާނާ ނުލައި ސުލްޙައެއް ގާއިމް ނުކުރެވޭނެކަން ދެއްކުމަށް ޕާކިސްތާނަށް ލިބިގެންވާ ބާރަކީ ތާލިބާނެވެ.
އަފްޣާން ރައީސް ޣަނީ އާއި އިންޑިއާއަކީ މީގެ އަނެއް ކޮޅެވެ. ތާލިބާން ބަލިކޮށްލުމަށްޓަލައި އަސްކަރީ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ޣަނީ ހުންނެވީ ތައްޔާރަށެވެ. ތާލިބާނަކީ، ވެރިކަމަށް ކުފޫހަމަވާ ބައެއް ނޫންކަން އެމީހުން ވަނީ ކުރިންވެސް ސާބިތުކޮށްދީފައެވެ. އަދި ޓަރްމްޕް ވަނީ އޭނާގެ ވެރިކަމުގައި ކުޑަ ފައިދާއަށްތަކައި، ބައިނަލްއަގްވާމީ ނިޒާމު ބޮލަލައި ޖެހި މީހެއްކަން ސާބިތުކޮށްދީފައެވެ.