28 ވަނަބައި

"ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟"

"އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ.." އެވަގުތު ކޮޓަރިއަށް ވަދެގެން އައި ލީން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެއެވެ.

"ލީން!؟"

"ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން އައިމަ.. އަހަރެން ހުރީ ނާންނަންވެގެން.. އެއީ ރައްޓެހިން އެއީ ރައްޓެހިން ކަމުގަ ނުދެކޭ މީހުން ކައިރިއަށް ޒިޔާރަތްކުރުމަކީ އަހަރެން ކޮށްއުޅޭ ކަމަކަށް ނުވާތީ.. އެކަމަކު އަހަރެންނަށް މި އަންނަން ޖެހުނީ އައިކާއަށް ކަމެއް އަންގަން.. އައިކާއަށް އެއްޗެއް ވިސްނައިދެވޭތޯ.. އެއީ ބޭކާރު ކަމެއްކަންވެސް އެނގޭ.. އެކަމަކުވެސް އެވާހަކަ ބުނީމަ އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނެ.." ލީންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެފައި ހުރިވަރުން އެއީ ލީންކަންވެސް އައިކާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ލީންއަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް މީހުންނާ ވާހަކަދެއްކި މީހެއް ނޫންވިއްޔާއެވެ. ޔަޤީނެވެ. މާޒް ލީންގެ ބޮލަށްވެސް ސަވާރުވީއެވެ.

"އަހަރެންނަށް ކޮންކަމެއް އަންގަން؟ ހާދަ ފާޑަކަށް ލީން ތި ވާހަކަ ދައްކަނީ.." އެހާ ދެރަވެފައި ހުއްޓާ ލީން އައިސް ވާހަކަދެއްކި ގޮތުން އައިކާ ހިތްހަމައެއް ނުޖެހުނެވެ.

"އަހަރެން މިއައީ އައިކާއަށް ތިހުރީ ވަރަށް ބޮޑު އޮޅުމެއްގައޭ ބުނަންވެގެން.. އައިކާގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް އަތެއް ނުވެޔޭ ބުނަންވެގެން.. އަދި އައިކާއަށް މެސެޖު ކުރި މީހަކީވެސް މާޒްއެއް ނޫނޭ ބުނަންވެގެން.. އެނގޭތަ ސަބަބު.. އެއީ މާޒް އައިކާދެކެ ވަނީ ހަޤީޤީ ލޯބި.. އައިކާ ޔޫޝައުއާ އިންފަހުން އޭނަ އައިކާ ހާސިލްކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެޔޭ.. އޭނައަށް މަލާމާތްކުރި މީހުންނަށްވެސް އޭނަ ދޭ ރައްދު އެނގޭތަ؟ އައިކާ އުފަލުގަ ހުރިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން.. އަހަރެންނަށް ބޮޑަށް މުހިންމީ އައިކާގެ އުފާ.. މިވަރު ހެއްކަކަށް ނުފުދޭތަ؟ ނޫނީ އިތުރަށްވެސް ބޭނުންތަ؟ އިތުރަށް ތަފްސީލު ދެންޏާ އަނެއްކާވެސް ޖެހޭނީ ހަމަ ކުރީގަވެސް ދެއްކި ވާހަކަތައް ތަކުރާރުކުރަން.. އެކަމަކު އެ ބޭކާރު މަސައްކަތް ކުރާނެހާ ވަގުތެއް އަހަރެންނަކަށް ނެތް.." ލީން ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

"ލީން ކީއްވެ އަހަރެންނާ ތިގޮތަށް ތި ވާހަކަދައްކަނީ؟ އަހަރެންގެ ހާލުވެސް ބަލައެއް ނުލާނަންތަ؟" އައިކާ ދެރަވެފައި އަހާލިއެވެ.

"އައިކާ ހީކުރީ އަހަރެންނަކީ އެހާ ފަސޭހައިން މީހުންގެ މަތިން ހަނދާން ނައްތާލާ މީހެއް ކަމަށްތަ؟ އަހަރެން މިގެއަށް ނަޔަސް އަހަރެން ބަރާބަރަށް އައިކާގެ ހާލު ބަލަން.. އެނގޭތަ ކާކުކަން އަހަރެންނަށް އައިކާގެ ހާލު ބުނެދެނީ؟ މާޒް.. މާޒް އައިކާ އުޅޭނޫޅޭ ގޮތް އަބަދުވެސް ބަލާ.. އައިކާ މާލޭގަ ހުރިއިރުވެސް އޭނަ ބަރާބަރަށް އައިކާގެ ހާލު ބަލާ.. އައިކާއަށް ގުޅީމަ ފޯނު ނުނަގާތީ ސަނާއްތަ ގާތަށް އައިސްގެންވެސް އައިކާގެ ޚަބަރު ބަލާ.. މިއެއް ނޫންތަ ލޯތްބަކީ؟ މިއަށްވެސް ކިޔަނީ ދެއްކުންތެރިކަންތަ؟" ލީން ސުވާލުކުރިއެވެ.

"އަހަރެންނަކަށް ނޭނގެ ލޯތްބަކީ ކޮން އެއްޗެއްކަމެއް.."

"ނޭނގޭނެ.. ނޭނގޭތީ ދޯ މިއަދު އައިކާއަށް ތިހާލު ޖެހިފަ ތީނީ.. ކުރިންވެސް މާޒްގެ ލޯތްބަށް އާނބަސް ބުނިނަމަ މިއަދު ތިހެނެއް އިންނާކަށް ނުޖެހުނީސް.."

"ކިހިނެއް އެނގޭނީ މާޒް އަހަރެންނަށް މިއަށްވުރެ ދެރަގޮތެއް ނުހަދާނެކަމެއް؟ ލޯތްބަކީ މިހާރު އޮންނަ އެއްޗެއް ނޫން.. އެއީ ހަމައެކަނި އަހަރެމެން އަންހެނުންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގަން ފިރިހެނުން ބޭނުންކުރާ ދެއަކުރުގެ ލަފުޒެއް.. އެއްވެސް ހަޤީޤަތެއް އޮންނަ އެއްޗެއް ނޫން.." އައިކާވެސް ރައްދުގައި ބުންޏެވެ.

"އެހެންވިއްޔާ އައިކާ ކީހާ އެއްޗެއްސަށް މާޒް ކެތްކުރި ކެތްކުރުމޯ.. އައިކާގެ ލޯބި ނުލިބިގެން އޮހޮރި ކަރުނަތަކޯ.. އެއީވެސް ފޭކުތަ؟ ހުސް އާޓްތަ؟ ހަޤީޤަތާއި ފޭކު ވަކިކުރަން އެނގޭނީ އެހެން މީހުންގެވެސް އިހުސާސްތަކަށް އިހުތިރާމްކުރަން އެނގޭ މީހަކަށް.."

"އަހަރެންނަކަށް ނޭނގެ ދެން.."

"ނޭނގޭނެ.. ނޭނގޭތީ ދޯ ކުށެއްނެތް މީހަކާ ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވާލީ.. އެންމެ ފަހަރަކުވެސް ވިސްނާލިންތަ އޭނަގެ ހިތަށް ކުރާނެ އަސަރު؟ ވިސްނާލިންތަ؟ އެހެން މީހަކު އައިކާއަށް ދެރައެއް ދިނީމަ އޭގެ ހުރިހާ ވަރެއް އެހެން މީހަކަށް ބޭލުމުގެ ކޮން ޙައްޤެއް އައިކާއަށް އޮތީ؟"

"އޭނައަކީ އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އުޅޭ އަނިޔާވެރިއެއް.."

"އޭނަ އައިކާއަށް ކުރި އަނިޔާއެއް ބުނެބަލަ.." ލީން ހުރީ އެއްގޮތަކަށްވެސް އައިކާއަށް ދޫދޭގޮތަކަށް ނޫނެވެ. އައިކާގެ ކުށަށް އިޢުތިރާފުވެ މާޒްގެ ކިބައިން މާފަށް އެދެންދެން ލީން އެމަސައްކަތް ކުރާނެއެވެ.

"އަހަރެން އިތުރަށް ތިވާހަކަ ދައްކާކަށް ބޭނުމެއްނޫން.."

"ކީއްވެ؟ ދައްކާނެ ވާހަކަ ހުސްވީ ދޯ.. ކުށްކުރާ މީހުންނަށް އެންމެފަހުން ޖެހޭނީ ހަމަ ހަތިޔާރު ބަހައްޓަން.. ބަސް ހުއްޓޭނެ.. އަނިޔާވެރިންނަށްވެސް އޮތީ ހަމަ މިގޮތް.. އެކަކަށް ދެރައެއް ދީފަ އަނެކަކަށް ނޫޅެވޭނެ ވާހަކަ ޤަބޫލުކޮށްބަލަ.." ލީން ހުރީ އަދިވެސް އޭނާގެ ގޮތުގައެވެ.

"އަހަރެން މާޒްއާ ނުގުޅުން އެއީ އަހަރެން އޭނައަށް ދިން ދެރައެކޭތަ ތިބުނަނީ؟ ތިހެންވެއްޖެއްޔާ މިދުނިޔޭގަ ދެރަދޭ މީހުން ހާދަ ގިނަވާނެޔޭ ދޯ.." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އައިކާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

"އަހަރެން ނުބުނަން އައިކާ މާޒްއާ ނުގުޅުން އެއީ އޭނައަށް ދިން ދެރައެކޭ.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އައިކާ އެއްފަހަރުވެސް ވިސްނާލިންތަ ކުރިން އޭނައާ ދިމާއަށް ކީ އެއްޗިއްސާ ދޭތެރޭ.. އެއީވެސް އިންސާނެކޭ.. އޭނަގެ އޮންނަނީ ހިތެއް ނޫންތަ؟ އެހިތަށްވެސް އަސަރުކުރާނެޔޭ.. އެކަމަކު އެހުރިހާ އެއްޗެހި ކިޔުމަށްފަހުވެސް އޭނަ އައިކާއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނިތަ؟ އައިކާއަށް ދެރަގޮތެއް ހެދިތަ؟ ނުހަދައެއްނު.. އޭނަ އެހުރިހާ ކަމަކަށްވެސް ކެތްކޮށްގެން މަޑުން ހުރެ އޭނަ އައިކާއަށް އެހީވެ ހެދީމަ އައިކާއަށް އޭނަ ވީ ފިނޑިއަކަށް.. ކޮންކަހަލަ ވިސްނުމެއް؟ އޭނަ ހާލު ބަލާލަން ގުޅީމަވެސް ފޯނު ނަގަން ނުކެރުނު.. އެންމެފަހުން ޔޫޝައު އައިކާ ވަރިކޮށްލީމަ އައިސްވެސް އޭނައަށް ހުރިހާ ވަރެއް ބޭލީ.. އޭނައާ ގުޅުމެއް ހުރި ކަމެއްނަމަވެސް ރަނގަޅު.. އެކަމް އޭނައަކާ ގުޅުމެއް ހުރި ކަމެއްވެސް ނޫނޭ.. އައިކާ ބުނެބަލަ މިއަށް ކިޔާނެ އެހެން އެއްޗެއް.. މި ވާނެތަ މީހަކަށް ދެރައެއް ދެވުން ނޫންކަމަށް؟" ލީން އެހެން ބުނެފައި އިތުރަށް އެތާނގައި މަޑުކޮށްނުލާ ދާން ހިނގައިގަތެވެ.

"ލީން!" އައިކާ ގޮވާލިނަމަވެސް ލީން އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.

"އަހަރެން ކިހިނެއް ޤަބޫލުކުރާނީ ލީން އެހެން ބުންޏަސް.. އަހަރެންގެ ފޯނަށް މެސެޖު ކުރީ މާޒް ނޫންކަމަކަށް އަހަރެން ޤަބޫލެއް ނުކުރާނަން.." އައިކާ އަމިއްލަ ނަފްސަށް އެހެން ބުނެލަމުން އެނދުގައި އޮށޯވެލިއެވެ.

**********

ހަފްތާއެއް ފަހެވެ. ޔޫޝައު އޮފީހުގައި އިންނަމަވެސް އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ އައިކާއާއެވެ. އޭނާ އައިކާއަށް ފައިސާ ފޮނުވި ނަމަވެސް އޭނާއަށް އައިކާ އޭގެ ބޭނުން ކުރިކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އައިކާވެސް ކަންތައް އެ ކުރަނީ ރަނގަޅަކަށް ނޫނެވެ. ކުޑަމިނުން އޭނާއަށް އެ ލިބުނު ވާހަކަ ބުނެލިއްޔާވެސް ވާނީ ކީއް ހެއްޔެވެ؟ އޭނާއަށް އައިކާގެ ޚަބަރުތައް ހޯދަން މި ޖެހެނީ މުޅިންވެސް ދުރު މީހުންނަށް ގުޅައިގެންނެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތުން އައިކާގެ މައިންބަފައިންނަށް ގުޅާލާކަށްވެސް އޭނާއަކަށް ނުކެރެއެވެ. އެމީހުން މިހާރު އޭނާއަށް ނަފުރަތު ކުރާނެކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ.

"ހެލޯ! ވަރަށް އަވަހަށް ކޮފީއެއް ގެނެސްދީބަލަ.." ޔޫޝައު ނާޒްއަށް ގުޅާލާފައި އޭނާއަށް ކޮފީއެއް ގެނެސްދިނުމަށް އެދުނެވެ. ނާޒް ކޮފީ ތައްޔާރުކުރަން ހުރިއިރު ހުރީ ފުން ވިސްނުމެއްގައެވެ. އޭނާ ވިސްނަމުން އެދަނީ ޔޫޝައުއާ ގުޅުންހުރި ކަމަކާކަން ހަމަ ޔަޤީނެވެ. އޭނާ އިރުއިރުކޮޅާ ޔޫޝައުއަށް ބަލާލާގޮތުން އެކަން ޔަޤީންކުރެވެއެވެ. އޭނާ ކޮފީތަށި ހިފައިގެން ހިނގައިގަތްއިރު އޭނާގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަނެއްކާ އޭނާ ކުރީ ކީއްބާވައެޗެ. އޭނާ އެ ކޮފީތަށްޓަށް އެއްޗެއް އެޅީބާވައެވެ.

ކޮފީތަށި ބޮއި ހުސްކޮށްލުމުން ނާޒް އައިސް ޖޯޑު ގެންދިޔައެވެ. އޭނާ ގޮސް ޖޯޑު ދޮވެލާފައި އައިސް އޭނާގެ ގޮނޑީގައި އިށީނދެ އެއްމިޔަކަނުން ހީލަމުން ޔޫޝައުއަށް ބަލާލިއެވެ. ޔޫޝައު މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ލޮލަށް ނިދި ސަވާރުވަމުން ދިޔައެވެ. އިރުއިރުކޮޅާ އާފުރިލާތީ ނާޒްއަށް އޭނާގެ މަންޒިލާއި ވަރަށް ކައިރިވެއްޖެކަމުގައި އިހުސާސްކުރެވުނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ޔޫޝައުއަށް ރަނގަޅަށް ނިދޭނެ ވަގުތަކަށެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށްވެސް ނުޖެހުނެވެ. ޔޫޝައުއަށް އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން ގޮނޑީގައި ރަނގަޅަށް ލެނގިލައި ދެލޯ މަރާލީ ގެއަށް ދެވޭނެހާވަރުވެސް އޭނާ ގައިގައި ނެތީމައެވެ. ނާޒް ކެބިންއިން ނުކުމެ އޮފީސްތެރެއަށް ނަޒަރު ހިންގާލިއިރު އޮފީސް ނިންމާފައި އެންމެން ގެއަށް ހިނގައްޖެއެވެ.

"މިރޭ މީ އަހަރެންގެ ރޭ.. ލައްކަ ދުވަސްވެއްޖެ އަހަރެން މި ފުރުސަތަށް ބަލަބަލާ ހުންނަތާ.." ޔޫޝައުގެ ކައިރީ އުޑަފައިން އިށީންނަމުން ނާޒް މަޑުމަޑުން ބުނެލިއެވެ. އެކަކުވެސް ނެތްކަން އެނގޭތީ އޭނާ އަވަސް ހަރަކާތަކާއެކު ޔޫޝައުގެ ބެލްޓު ނައްޓާލިއެވެ. ފަޓުލޫނުގެ ޒިބު ތިރިއަށް ދަމާލިއެވެ.

**********

"ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ މިހާރު ކިތައްފަހަރު ގުޅައިފިން؟ ނޭނގޭތަ މިހާ ލަސްވީމަ އަހަރެން ހާސްވާނެކަމެއް.." ނިހާދު ގެއަށް އައިސް ވަތްތަނާ އޭނާގެ އަންހެނުން ނީނާ ހިތްހަމަނުޖެހިފައ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"ފޯނު ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގުނީއޭ ގުޅިކަން.." ނިހާދު އެހެން ބުނަމުން ޖީބަށް އަތްލީ ފޯނު ނަގަންވެގެންނެވެ.

"ފޯނު!!؟" ހައިރާންވެފައި ނިހާދުއަށް ބުނެލެވުނީ އޭނާގެ ޖީބުގައި ފޯނު ނެތީމައެވެ.

"އަދި އާދެވުނުލެއް އަވަސްކަމުން އެ ބާއްވާފަ ދޯ ތިއައީ.."

"ނީނާ ކިހިނެއްތަ ތިއުޅެނީ މިހާރު؟ އަހަރެން ނީނާ ގާތު ބުނީމެއްނު އޮފީހުގެ އަހަރީ ދުވަހަށް ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ނިންމަންޖެހޭތީއޭ ރޭގަނޑު އޮފީހަށް ދާން މިޖެހެނީ.. ކުރިންނެއް ނުޖެހެއެއްނު ރޭގަނޑު އޮފީހަށް ދާކަށް.. މިކަން ނިމުނީމަ އެ ނިމުނީއޭ އަނެއްކާވެސް.. އަހަރީ ދުވަސް އަންނާތީ ހަމަ މާ ބުރައީ މިދުވަސްކޮޅު.. ހުކުރު ދުވަހުގެ ރޭ މިކަން ނިމޭނެއެއްނު.. ތިންދުވަހަށް ކެތްކޮށްލަބަލަ ދޫނީ.." ނީނާގެ ކޮލުގައި ހިފާލަމުން ނިހާދު ވަރަށް ލޯބިން ބުނެލިއެވެ. ނީނާ ތުން އަނބުރާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ނީނާގެ ފަހަތުން ނިހާދުވެސް ކޮޓަރިއަށް ވަނެވެ.

"އަހަރެން އަންނަންދެން ނުނިދާ މަޑުކުރައްޗޭ ޕްލީޒް.. އަހަރެން ވަރަށް އަވަހަށް އަންނާނަން އޮފީހަށް ގޮސް ފޯނު ހިފައިގެން.." ނިހާދު އެހެން ބުނެލާފައި ނުކުތުމުން ނީނާ އަނެއްކާވެސް ތުން އަނބުރާލިއެވެ.

ނިހާދު ސައިކަލުގައި ދިޔައިރުވެސް އޭނާއަށް ވިސްނެމުންދިޔައީ އޭނާގެ ދިރިއުޅުމާއިމެދުއެވެ. ކައިވެންޏަށް ހަތަރު އަހަރު ވީއިރުވެސް އެމީހުންނަކަށް ދަރިއަކު ނުލިބުނެވެ. އޭނާވެސް ދަރިއަކު ބޭނުންވެއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައި ނެތީ ކަންނޭނގެއެވެ. ޑޮކްޓަރަށް އެތައް ފަހަރަކު ދެއްކުމުންވެސް ބުނެފައިވަނީ މައްސަލަ ހުރީ އޭނާގެ ކަމުގައެވެ. ނަމަވެސް ނީނާގެ ޝަކުވާތައް ހައްތަހާ ދިޔައީ ގިނަވަމުންނެވެ. ނިހާދު ވަޒީފާގެ ބުރަކަމުގެ ބަހަނާގައި އޭނާގެ އިހުސާސްތަކަށް ޤަދަރުނުކޮށް ދަރިއަކު ހޯދަން ނޫޅެނީކަމަށް ބުނެއެވެ.

އޮފީހަށް ދެވުމާއެކު ލަސްނުކޮށް ނިހާދު ދިޔައީ އޭނާގެ ކެބިންއަށެވެ. އޮފީހުގެ އެހެން ހުރިހާ ދިމާލެއްވެސް އަނދިރިކޮށްލާފައިވާއިރު ޔޫޝައުގެ ކެބިން ދިއްލާފައި ހުރުމުން އަދިވެސް ޔޫޝައު ގެއަށް ނުދަނީތާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ގޮސް ފޯނު ނަގައިގެން ގެއަށް ދާން ހިނގައިގަނެފައިވެސް ޔޫޝައުގެ ކެބިން ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ގޮސް ޔޫޝައުގެ ކެބިންގެ ލޯގަނޑުން އެތެރެ ބަލާލިއިރު ފެނުނު މަންޒަރަކުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ޔޫޝައުގެ މޭޒު ބިއްދޮށުން އެ ބޯ ހިއްލާލީ ނާޒް ނޫން އެހެން މީހެއްނޫނެވެ. ޔޫޝައުގެ ގޮނޑީގެ ލެނގޭބައި އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަށް ޔޫޝައުގެ މޫނެއް ނުފެނެއެވެ. ނާޒްގެ މޫނުމަތި ފެނުމުން ނިހާދަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. އިތުރަށް ބަލަން ބޭނުން ނުވާތީ އޭނާ ތެދުވަން އުޅުނު ވަގުތު ނާޒް ޔޫޝައުގެ ގޮނޑި މޭޒާއި ދިމާއަށް އަނބުރާލިއެވެ. ޔޫޝައުގެ ދެލޯ މެރިފައިވާތަން ފެނުމުން ނިހާދަށް ވީގޮތް ގާތްގަނޑަކަށް އެނގުނެވެ. ނަމަވެސް އޭނާ އެކަން ޔަޤީންކޮށްފައި ނޫނީ ގޮތެއް ނުނިންމާނެއެވެ. ކިތަންމެ ދުވަހަކު އެކުގައި އުޅުނުނަމަވެސް މީހެއްގެ ގޮތެއް ނޭނގޭނެއެވެ.

ޖެހިގެން އައި ދުވަހެވެ. ނާޒް އޮފީހަށް އައިއިރު އެހެން ދުވަސްދުވަހާ ތަފާތެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އޭނާ ލައިގެން ހުރީ ގަޔަށް ބާރުކޮށް ހުރި ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. ލާފައި ހުރި ގަމީހުގެ ތުނިކަމުން ގައި އެނގެއެވެ. އޭނާ އޮފީސްތެރެއަށް ވަދެގެން ދިޔައިރު ގިނަ ފިރިހެނުންތައް ތިބީ ކަޅިޖަހާނުލާ އޭނާއަށް ބަލާށެވެ. ބައެއްމީހުންގެ މޫނަށް ބަލާލުމުންވެސް އެމީހުންނަށް އަސަރުކޮށްފިކަން އެނގެއެވެ. އަނެއްބަޔަކު ޖެހިގެން ހުރި މީހާ ގާތުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަދި ދެން ތިބި ބަޔަކު ނުރުހުންތެރިކަމާއެކު ދުރަށް މޫނު އަނބުރާލިއެވެ. ނާޒް އޭނާގެ ކެބިންއަށް ވަތްއިރު ޔޫޝައުއެއް ނާދެއެވެ. އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ގޮސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ބަޔަށްވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިތަނާ ޔޫޝައު ވަދެގެން އައެވެ. އޭރު ނާޒް އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަކަށް ޔޫޝައު އައިކަމެއް ނޭނގެއެވެ.

ޔޫޝައު ގޮނޑީގައި ހަމަޖެހިލަމުން ލެޕްޓޮޕް ދަބަސް ހުޅުވާލައި ލެޕްޓޮޕް ނަގައި މޭޒުމަތީ ބަހައްޓާލުމަށްފަހު ހުޅުވާލިއެވެ. ހަމަ އެވަގުތު މޭޒުމަތީ ހުރި ފޯނު ރިންގުވިއެވެ. އޭނާ ފޯނު ނެގުމާއެކު ނިހާދު އެދުނީ ކޮންޓްރޯލް ރޫމަށް ވަރަށް އަވަހަށް އައިސްދިނުމަށެވެ. ކިހިނެއްވީތޯ އެހުމުންވެސް ނިހާދު ބުނީ އަވަހަށް އައުމަށެވެ. އައުމުން ހުރިހާ ކަމެއްވެސް އެނގޭނެކަމަށެވެ. ނިހާދު ފޯނު ބޭއްވުމުން ހައިރާންވެފައިހުރެ ޔޫޝައު ކޮންޓްރޯލް ރޫމާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ކޮންޓްރޯލް ރޫމަށް ވަތްއިރު އެތާނގައި ހުރީ ނިހާދު އެކަންޏެވެ.

"ނިހާދު! ކިހިނެއްވީ؟ ހާދަ ހާސްވެފަ.. މާބޮޑު ކަމެއްވީތަ މިތަނަށް އަންނަން ބުނީ؟" އެއްވެސް އެއްޗެއް ނޭނގޭ ހާލު ޔޫޝައު އަހާލިއެވެ.

"ސަރއަކަށް ހަމަ ނޭނގޭތަ ރޭގަ އެއްވެސް ކަމެއް ހިނގިކަމެއް؟" ނިހާދު ބޭނުންވީ ޔަޤީންކުރާށެވެ.

"ކޮންތާކު؟ މިތާ؟ ރޭގަ ކޮންއިރަކު؟" ޔޫޝައު ހައިރާންކަމާއެކު ސުވާލުތަކެއް ކުރިއެވެ.

"ރޭގަ ބާރައިގެ ފަހުން.."

"ނޭނގެ.. އަހަރެންނަށް މަސައްކަތުގަ އިންދާ ނިދުނީ.. ހޭލެވުނުއިރު ތިނެއް ޖަހަނީ.. ދެން އަވަހަށް ދިޔައީ ގެއަށް.. އިތުރު ކަމެއް ވީކަމެއް ނޭނގެ.." ޔޫޝައު ބުނެލިއެވެ.

"މި ފުޓޭޖް ބަލާލަބަލަ.. އޭރުން އެނގޭނެ މިތާ ވަރަށް ބޮޑު ކަމެއް ހިނގިކަން.. އެވެސް ސަރއަށް.." ނިހާދު އެހެން ބުނެލުމުން ޔޫޝައު ހައިރާންވެފައި ނިހާދުއަށް ބަލާލިއެވެ. އެވަގުތު ނިހާދު ސްކްރީން ދައްކާލިއެވެ.

ފެންނަމުންދިޔަ މަންޒަރު ޔޫޝައުއަކަށް ޤަބޫލުކުރާކަށް ފަސޭހައެއްނުވިއެވެ. ނާޒްއަކީ ހާދަހާ ގޮތެއް ނެތް މީހެކެވެ. އޭނާގެ ގަޔަށް ބޮލަށް އަރަން އެ ކެރުނީ ހާދަހާ ގޮތެއް ނެތީމައެވެ. އެ ފާޑަށް އުޅޭ މީހެއްގެ ގަޔަށް އެރިނަމަވެސް މާ ތާހިރުވީހެވެ. ނާޒްއަށް އެތާނގައި ކެމެރާ ހުރިކަންވެސް ނޭނގެނީ ހެއްޔެވެ؟ އެނގޭނަމަ އެހެން އުޅެފާނެބާއެވެ. ޔޫޝައުގެ ހިތަށްއަރަމުން ދިޔައެވެ.

"ރޭގެ ބައި އެއްކޮށް ޑިލީޓް ކޮށްލާ!" ޔޫޝައު އެހެން ބުނެލުމާއެކު ނިހާދު ފުޓޭޖުން އެރޭ ރެކޯޑްވެފައިހުރި ބައި ޑިލީޓްކޮށްލިއެވެ.

"މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި!" އަމުރެއް ފަދައިން ޔޫޝައު ބުނެލިއެވެ.

"އަޅުގަނޑު ބުނާނެނަމަ ސަރ ގެނެސްގެން މި ދައްކަންވީ ކީއްކުރަންތޯ؟ އަޅުގަނޑު ބޭނުންނަމަ އެކަކަށް އެކައްޗެއްވެސް ނާންގާ މީތި ލީކްވެސް ކޮށްލެވުނީސް ނޫންތޯ؟ އެކަމަކު އަޅުގަނޑު އެހެން ހަދަން ބޭނުންނުވީ.. އަޅުގަނޑަށް ރޭގަ އޮފީހަށް އާދެވިގެން ފެނުނު މަންޒަރުތަކުން ޝައްކުވެގެން މިއަދު އައިސްފަ ފުޓޭޖް ބެލީ.. ބެލީމަ އެނގުނީ ނާޒް ސަރގެ ކޮފީއަށް ނިދާބޭސް އެޅިކަން.. އެކަމް ކުޑަކޮށް ހައިރާންވެފަ އަޅުގަނޑު މިހުރީ.. އެއީ ނާޒް އެހާ ގަދައަށް ޖެއްސިއިރު ސަރއަށް ހަމަ އެއްވެސް ގޮތެއް ނުވޭތޯ؟ މިދެންނެވީ ހަމަ އެއްވެސް ވަރަކަށް ފީލްނުވޭތޯއޭ ކަމެއްވާހެން.." ނިހާދު ހައިރާންވެފައި އަހާލިއެވެ. ޔޫޝައު ބޯޖަހާލިއެވެ.

"އެކަމަކު ހޭލެވުނުފަހުން އެނގުނު ކަމެއްވީކަން.. އެކަމް ނޭނގޭނެތާ މިކަހަލަ ކަމެއްކަމެއް.." ޔޫޝައު އެހެން ބުނެލުމުން ނިހާދު ހީލިއެވެ.

"ދެން އަޅާނުލާ.. އެކަންވެސް އެ ނިމުނީ.."

"ނޫން.. އަޅާނުލައެއް ނުހުންނާނަން.. މިފަހަރު އެ ނާޒްއަށް ހޭއަރުވާލާނަން.." ޔޫޝައު ހުރީ ވަރަށް ރުޅިއައިސްފައެވެ. ނިހާދުއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔޫޝައު ހަރު ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ނާޒް އިނީ ފޯނެއްގައެވެ. ހަޅޭއްލަވައިގަތުމުގެ ބަދަލުގައި ޔޫޝައު ގޮސް ނާޒްގެ ކެބިން ކައިރީ މަޑުކޮށްލިއެވެ. ނާޒް ދައްކާ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.

"ޒީއަށް އެނގޭތަ؟ ރޭގަ އަހަރެން އޮފީހަށް ވަނީއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދިއްޖެ.." ޔޫޝައުއަކަށް އެކޮޅުން ދައްކާ ވާހަކައެއް އަޑެއް ނީވުނެއްކަމަކު ނާޒްގެ ވާހަކައިން އެކޮޅުން ދައްކަމުންދިޔަ ވާހަކަ ލަފާކޮށްލެވެއެވެ.

"އެއީ ރޭގަ ބޮސްގެ.." ނާޒް ބުނެލި ވާހަކައިން ޔޫޝައުގެ ދެއަތް މުށްކެވިގެން ދިޔައެވެ.

"އާނއެކޭ.. ކީއްވެތަ ދޮގު ހަދަންވީ؟ ބުނަންތަ؟ ސަޅިއޭ.." ނާޒް ހިނިގަނޑަކާއެކު ބުނެލީ ފަޚުރުވެރިކަމާއެކުގައެވެ.

"ޒީ ގާތު އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންނަށް ތި ލެކްޗަރ ނުދޭށޭ.. އަހަރެންނަކަށް މިކަމެއް ނުހުއްޓޭނެ.. އަހަރެންނަށް މިހެން ހެދީވެސް އެމީހުން.. އެހެންވީމަ އެއިން އެކަކުގެވެސް ދިރިއުޅުން ރަނގަޅު ގޮތަކަށް ދިޔަޔަކަ ނުދޭނަން.." ނާޒްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. ޔޫޝައު އެތެރެއަށް ވަންނަން އުޅެފައިވެސް އެނބުރި ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނާލިއެވެ. މޮޅު ޚިޔާލެއް އައުމާއެކު ޔޫޝައު ފޯނު ނަގައި ނާޒްއަށް ގުޅާލިއެވެ. މޭޒުމަތީގައި ހުރި ފޯނު ރިންގުވި އަޑަށް ނާޒް ދިޔައީ ސިއްސައިގެންނެވެ.

"ޒީ! އަހަރެން ފަހުން ގުޅާނަން.." ނާޒް އެހެން ބުނެލުމަށްފަހު އޭނާގެ ފޯނު ބާއްވާފައި މޭޒުމަތީ ހުރި ފޯނުގެ އަތްގަނޑު ހިއްލާލާ ކަންފަތުގައި ޖައްސާލިއެވެ.

"ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން.." ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި ހުރެ އޭނާ ގޮސް ނާޒްގެ ކެބިންއަށް ވަނެވެ.