މިއަދު މެންދުރު ފަހު 2:00 އިން މިރޭ 7:00 އާ ހަމައަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެތީ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖޭގެ މޫސުމަށް އާންމު ގޮތެއްގައި ބަލާއިރު އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުންޏެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އެހެން ހިސާބުތަކުގެ ކަނޑުތަކުގައި ހުންނާނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވަނީ އެދިފައެވެ.