ދުނިޔޭގެ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް މުޅިން ހިލެޔާއި އަދި ވީހާވެސް ހެޔޮ އަގެއްގައި ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ވެކްސިން އެލަޔަންސާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިސް ނަގައިގެން ހިންގާ ކޮވެކްސް ސްކީމްގެ ތެރެއިން މިހާތަނަށް ދުނިޔޭގެ 78 އަށްވުރެ ގިނަ ގައުމަށް 35 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދެވިއްޖެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

އެހެން ނަމަވެސް، ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، އެ އަދަދަށް މިހާތަނަށް ވެކްސިން ފޯރުކޮށް ދެވުނު ނަމަވެސް، ދުނިޔޭގެ ހުރިހާ ގައުމަކަށް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުން އަދިވެސް އޮތީ، ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޯމް ވިދާޅުވީ، ގައުމުތަކުގެ ސިއްހީ ޚިދުމަތްތެރިންނަށާއި، ހައިރިސްކް ގްރޫޕްތަކުގެ މީހުންނަށް ވެކްސިންދީ ނިންމަން ކަނޑައެޅި ސުންގަޑި ހަމަވާން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، އެކަން އަދިވެސް އޮތީ ގޮންޖެހުމެއްގެ ތެރޭގައި ކަމަށެވެ.

ހަމަހަމަ ގޮތެއްގައި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި، ވެކްސިން ހޯދުމުގެ މަސައްކަތުގައި ސީރިއަސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ވެކްސިނަށް އެންމެބޮޑަށް ބޭނުންޖެހިފައިވާ ގައުމުތަކާއި، ގްރޫޕްތަކަށް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވައި ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވީ "އަޅުގަނޑުމެން ރޭސް މިޖަހަނީ އެއްގައުމު އަނެއް ގައުމަށް ވާދަކުރާކަށްނޫން. އަޅުގަނޑުމެން ރޭސް މިޖަހަނީ ވައިރަސްއަކާ ދެކޮޅަށް" ކަމަށެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކަމަށް ރިޕޯޓްކުރި ކޮވިޑް-19 ވައިރަސް މުޅި ދުނިޔެއަށް ފެތުރި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ކޮވިޑްބަލި ޖެހުނު މިހުންގެ އަދަދުވަނީ 129.2 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

އަދި މިބަލީގައި ދުނިޔެއިން 2،947،458 މީހުންވަނީ މަރުވެފައެވެ.