ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަޝްވަރާއަކަށް އެދި ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް ޕީޖީ އޮފީހާއި ހިއްސާކޮށް އެ އޮފީހާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާއަށް ފޮނުވަނީ ދައުވާ އުފުލުމުގެ ކުރިން އިތުރު ކަމެއް ފުރިހަމަކުރަން އޮތްތޯ ބެލުމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން އޭނާ މިހާރު ހުރީ މަގާމުން ސަސްޕެންޑުކޮށްފައެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފައެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް ވަނީ ކުރެވިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް ފަޒީލު އިންކާރު ކުރެއެވެ.