1500 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޭ ލެވެލް އިމްތިހާނު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ އޭލެވް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 1528 ދަރިވަރަކު ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1068 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 460 ދަރިވަރުން ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 37 މަރުކަޒެއްގައި ކުރިއަށްދާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ، މިއަދު ހެނދުނު 10 ޖެހިއިރު، އިމްތިހާން ކުރިއަށްދާ 37 މަރުކަޒުގައިވެސް އިމްތިހާން ފަށާފައިވާކަމަށެވެ. އަދި ކުރީގެ އިމްތިހާނުތަކާއި ޚިލާފަށް މިފަހަރުގެ އިމްތިހާނަށް ހޯލުތައް ތައްޔާރުކޮށްފައިވާނީވެސް ކޯވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަކަމަށް އިހުސާން ވިދާޅުވިއެވެ.
އެގޮތުން އިމްތިހާން ހަދާ ކޮންމެ ރަށެއްގައި ކަރަންޓީނުގައި ތިބޭ ކުދިންނަށް އިމްތިހާން ހެދޭނެ ވަޞީލަތްތަކާއި އަދި ޕޮޒިޓިވްވާ ކުދިންނަށް އިމްތިހާން ހެދޭނެ ވަޞީލަތްތައް ޤާއިމުކޮށްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
"މިއަދު 10 ޖެހިއިރު ހުރިހާ ސެންޓަރުތަކެއްގައި އެއްވެސް މައްސަލެއްނެތި އިމްތިހާން ފެށިގެން ކުރިއަށްއެބަދޭ. ކުރިއަށްހުރި އިމްތިހާންތައްވެސް މިއަދު މިފެށުނުހެން ސްމޫތްކޮށް ކުރިއަށްދާނެކަމަށް އުއްމީދު މިކުރަނީ. މާލޭގައިވެސް އިމްތިޚާން ހަދާ ކުދިންގެ ތެރޭގައިވެސް ޕޮޒިޓިވްކޭސްތަކެއް އެބައުޅޭ 3 ކުދިން. އެހެންނަމަވެސް އެކުދިންނަށްވެސް އިމްތިހާން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން" ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ގިނަ ސްކޫލްތަކުގައި އޭ އެލެވެލް އިމްތިހާން އޮކްޓޯބަރު 22 ނިމޭނެކަމަށެވެ. އަދި އިމްތިހާނުގައި އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުންގެ ބައެއް މޮޑިއުލްތައް އޮކްޓޯބަރު 28 އާއި ހަމައަށް ކުރިއަށްދާނެކަމަށެވެ.މިއަހަރުގެ އޭ ލެވެލް އިމްތިހާން ޖުމްލަ 37 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭގެ ތެރެއިން 4 ސެންޓަރެއް ޤާއިމުކޮށްފައިވަނީ މާލޭ ސިޓީގައެވެ. މާލޭގެ އިމްތިހާން ހަދާ ސެންޓަރުތަކުގެ ތެރެއިން މިފަހަރު އެންމެ ގިނަ ކުދިން އިމްތިޚާން ހަދާނީ ސީ.އެޗް.އެސް.އީގައެވެ.