ފުލުހުންނަށް އިތުރު ބާރުތައް ލިބޭގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހް ގެނައުމަށް ސަރުކާރުން ތައާރަފް ކުރަންއުޅޭ ބިލާ ދެކޮޅަށް ލަންޑަންގައި ކުރި ވަރުގަދަ މުޒާހަރާގެ ތެރެއިން ފުލުހުން 107 މީހުން ހައްޔަރު ކޮށްފިއެވެ.

ގާނޫނަށް ގެންނަންއުޅޭ އިސްލާހްތަކާ ދެކޮޅަށް ޔޫކޭގެ އެކި ކަންކޮޅުތަކުގެ ޓައުންތަކާއި، ސިޓީތަކުގައި އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ.

އާންމުން މަގުތަކަށް ނުކުތީ، ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ޔޫކޭގައި ވަރގަދަ ފިޔަވަޅުތަކެއްވެސް އަޅާފައި ވަނިކޮށް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

އާންމުން މުޒާހަރާކޮށްފައިވަނީ "ކިލް ދަ ބިލް" މިނަމުގައެވެ. ސަރުކާރުން ތައާރަފްކޮށްފައިވާ ބިލަށް ދީފައިވާ ނަމަކީ "ދަ ބިލް" އެވެ.

ފުލުހުން ބުނެފައިވަނީ، މުޒާހަރާތައް ޖުމްލަ ގޮތެއްގައި ކުރިއަށްދިޔައީ ސުލްހަވެރި ގޮތެއްގައި ކަމަށާއި، ގިނަ މީހުން ހަރަކާތްތެރި ވަމުންދިޔައީވެސް ޖިސްމާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، ވެރިރަށް ލަންޑަންގައި މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު ހަމަނުޖެހުން ހިންގައި، ފުލުހުންނަށް ހަމަލާދީ އަދި ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފްވުމުން ހައްޔަރުކުރަން ޖެހުނީ ކަމަށެވެ.

ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގައި، ފުލުހުންގެ 10 މީހަކަށް އަނިޔާވި ކަމަށްވެސް ބުނެފައި ވެއެވެ.

ޔޫކޭ ސަރުކާރުން ތައާރަފްކުރަން އުޅޭ ބިލްގައި، އިންގްލެންޑާއި ވޭލްސްގެ ފުލުހުންނަށް، ފުލުހުން ކަނޑައަޅާ އުސޫލުތަކަށް ނުފެތޭ މުޒާހަރާތައް ހުއްޓުވައި، އެފަދަ މުޒާހަރާތައް ކުރާ މީހުން ޖޫރިމަނާކުރުމާއި، ޖަލަށްލުމުގެ ބާރުތައްވެސް ލިބިދެއެވެ.

މިސާލެއްގެގޮތުން ބިލްގައި ކަނޑައަޅާފައިވަނީ، މާ އަޑުގަދަކޮށް މުޒާހަރާ ކުރާނަމަ އެފަދަ މުޒާހަރާއެއް ފުލުހުންނަށް ހުއްޓުވިދާނެ ކަމަށެވެ.

މިބިލާ ދެކޮޅަށް ބްރިސްޓޯލްގައިވެސް ދާދިފަހުން ވަރަށް ހަމަނުޖެހުންބޮޑު މުޒާހަރާއެއް ކޮށްފައި ވެއެވެ. އެ މުޒާހަރާގެ ތެރޭގައި ފުލުހުންނަށް ހަމަލާދިނުމުގެ އިތުރުން، ޕޮލިސް ސްޓޭޝަނަކަށް ގެއްލުންދީ އަދި ފުލުހުންގެ އެތައް ވެހިކަލެއްގައިވެސް ހުޅުޖަހާފައި ވެއެވެ.

ޔޫކޭ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސްވަނީ، ބްރިސްޓޯލް ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ވިދާޅުވީ، އެއީ ލަދުވެތި އަމަލުތަކެއް ކަމަށެވެ.

އެކަމަކު، ބްރިސްޓޯލްގައި މުޒާހަރާކުރި މީހުން ބުނެފައިވަނީ، ފުލުހުންނަށާއި، ފުލުހުންގެ ތަންތަނަށް ހަމަލާދިނީ، މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފުލުހުން އަނިޔާވެރިކަން އިސްކުރުމުން ކަމަށެވެ.