އުރުދުންގެ ސަރުކާރާ ދެކޮޅަށް އަމީރު ހަމްޒާ މަސައްކަތް ކުރައްވާތީ އޭނާ ގޭ ބަންދުގައި ބަހައްޓައިފިއެވެ. އުރުދުންގެ ޕެޓްރާ ނީސްއެޖެންސީން ބުނާ ގޮތުން 16 ނޫނީ 18 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އުރުދުންގެ ސަރުކާރުން ބުނާ ގޮތުން، އަމީރު ހަމްޒާ ވަނީ ރައްޔިތުންގެ ތެރޭން ބަޔަކާއި ގުޅިގެންނާއި އަދި ގައުމުން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ފަށާފައެވެ. އަދި އޭނާ އެކި ފަރާތްތަކާ ބަދަލުކޮށްފައިވާ މުވާސަލާތީ ގުޅުމްވެސް މިކަން ދޭހަވާކަމަށް ސާރުކާރުން ބުނެއެވެ.

އަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ހަމްޒާ ވަނީ އަރަބި ބަހުންނާއި އިނގިރޭސި ބަހުން ވީޑިއޯއެއް ރިކޯޑްކޮށް ދުނިޔެއަށް ފަތުރާފައެވެ. އޭނާ ގޭގައި ބަންދުކޮށްފައިވާ ކަމަށާއި ސިފައިންގެ އެންމެ އިސް ކޮމާންޑަރު އޭނާއަށް ޒިޔާރަތްކުރައްވައި، ގޭބަންދުގައި ހުނެންވުމަށް އިންޒާރު ދެއްވިކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އުރުދުންގެ ސަރުކާރުން ބުނިގޮތުގައި މިއީ ޝާހީ އާއިލާ ތެރޭގެ މައްސަލައެއްކަމުން ޢަބްދުﷲ ރަސްގެފާނު މަސައްކަތް ކުރައްވަނީ އާއިލާ ތެރޭން މައްސަލަ ޙައްލު ކުރެއްވުމަށެވެ.

އުރުދުންގެ ސަރުކާރާ އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާ ދެމެދު ގުޅުން ގޯސްވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ އުރުދުންގެ ސަރަހައްދާ ހިމަނައިގެން އެއީ ފަލަސްތީނު ގެ ސަރަހައްދު ކަމަށް ކަނޑައެޅުމަށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕާ މަޝްވަރާ ކޮށްފައެވެ. ޓްރަމްޕްގެ ވެރިކަން ނިމުމާ ހަމައަށް އުރުދުންއިން އޮތީ އެމެރިކާގެ ރައީސާއެކު ގުޅުން ވަޅޯކޮށް ބާއްވާފައެވެ.

އިޒްރޭލަށް އަރަބި ގައުމުތަކަށް ދަތުރު ކުރެވެނީ އުރުދުންގެ މަތިން އުދުހިގެންނެވެ. އުރުދުން އިން ވަނީ ނަތަންޔާހޫ ޔޫއޭއީއަށް ކުރަން އުޅުނު ތިން ދަތުރަށްވެސް ވައިގެ ސަރަހައްދު ހުޅުވުމަށް ދެކޮޅު ހަދާފައެވެ.

ނަތަންޔާހޫގެ ކެމްޕޭންގައި މުސްލިމުންނާ ވާހަކަ ދައްކަމުން ވައުދު ވެފައި ވަނީ އިޒްރޭލުން ފުރައިގެން ހައްޖަށްދާ މީހުންނަށް އިތުރު އެހެން ތަނެއްގައި މަޑު ކުރުމަކާ ނުލައި ސީދާ "މައްކާއަށް" ދަތުރުކުރުމަށް ހަމަޖައްސައި ދިނުމަކީ އޭނާގެ ވައުދެއް ކަމަށެވެ.