ތުރުކީއަށް ނިސްބަތްވާ ހުރިހައި އެއްޗެއް ސައޫދީ ރައްޔިތުން ބޮއިކޮޓް ކުރުމަށް ސައޫދީ އަރަބިއްޔާގައި ގޮވާލައިފިއެވެ. ތުރުކީ ރައީސް އުރުދުޣާން ތުހުމަތު ކުރައްވަނީ ގަލްފްގެ ބައެއް ގައުމުތަކުން ސަރަހައްދުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއާ ގުޅިގެން ސައޫދީ ޗެމްބަރ އޮފް ކޮމާސްގެ ރައީސް ޢަޖްލާން އަލްޢަޖްލާން ގޮވާލެއްވީ ސައޫދީ ރައްޔިތުން ތުރުކީން މުދާ އިމްޕޯޓް ކުރުމާއި ފަތުރުވެރިކަމާއި އިންވެސްޓްމެންނާ ދެކޮޅުވާން ޖެހޭނެ ކަމަށެވެ. އަދި މުދާ ވިއްކާ މީހުންނާއި މުދާ ލިބިގަންނަ މީހުންވެސް މިކަމަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވި ބަސްފުޅުވެސް އެހާ ރީއްޗެއް ނޫނެވެ. އުރުދުޣާން ވިދާޅުވީ، ހަމަ ނުޖެހުން އުފައްދާ މިގައުމުތަކުން ހަނދާން ނެތޭ ހަގީގަތަކީ، މިއީ އިއްޔެއާ ހަމައަށް ވުޖޫދުގައި އޮތް ގައުމުތަކެއް ނޫން ކަމުގައެވެ. އަދި މެދުއިރުމަތީގައި ތުރުކީ ދިދަ ތުރުކީން އަބަދުވެސް ވިހުރުވަމުން ގެންދާނެ ކަމަށެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޚާޝޮޤްޖީ، ބޮޑު ކީހުން ކޮށާލި ހާދިސާއަށްފަހު ސައޫދީ ތުރުކީ ގުޅުން ވަނީ ހީނަރުވެފައެވެ.
ތުރުކީން ވަނީ މިދިޔަ ހަފްތާގައި ސައުދީ ހަ މީހަކު ޣިޔާބުގައި ޚާޝޮގްޖީ މައްސަލާގައި ޙުކުމް ކޮށްފައެވެ. އަދި އިތުރު 20 ސައޫދީ ރައްޔިތަކާ ދެކޮޅަށް ތުރުކީގައި ޝަރީއަތް ކުރެވެމުން އެބަ ދެއެވެ.
ދާދިފަހުން އުރުދުޣާން ވަނީ ބަހްރައިންއާއި އިމާރާތުން އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމުން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.
އިސްލާމީ ދުނިޔޭގެ ލީޑަރުކަމަށް އައުމަށް މަސައްކަތް ކުރާ ތުރުކީ އަކީ އިޒްރޭލަށް އެންމެ ގިނަ މަތިންދާބޯޓް ޖައްސާ އަދި އެންމެ ގިނައިން އިޒްރޭލުގެ ފަތުރުވެރިން ބަލައިގަންނަ އަދި އެންމެ ގިނަ ފަތުރުވެރިން އިޒްރޭލަށް ފޮނުވާ އަދި އެންމެ ގިނައިން ވިޔަފާރި މުއާމަލާތު ކުރާ މުސްލިމު ގައުމެވެ.
ޝިންޖިއާންގެ މުސްލިމުންގެ މައްސަލާގައި ޗައިނާއާ ދެކޮޅު ހަދާ މުސްލިމުން ޗައިނާއަށް ޑިޕޯޓް ކުރުމުގެ މަސައްކަތްވެސް އަންކަރާއިން ވަނީ ފައްޓާފައެވެ.