ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމިއްލަ ޕާޓީއާއި އާއިލާއާއި ގެދޮރަށް ކުރައްވާ ދަތުރުތަކަށް ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މެމްބަރުން އެ މެމްބަރެއްގެ ދާއިރާއަށް ކުރައްވާ ދަތުރަކީ ރަސްމީދަތުރެއް ކަމަށް ނިންމެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޑރ. ޖަމީލް ވިދާޅުވެފައިވަނީ ޤާނޫނަކީ ވެރިކަންކުރާ ޕާޓީ ބޭނުންވާ ގޮތަށް މޮޑެން އޮންނަ ފުށްގަނޑެއް ނޫން ކަމަށެވެ.

"މެމްބަރުން އަމިއްލަ ޕާޓީ، އާއިލާ، ގެދޮރަށް ކުރާ ދަތުރު ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއް. ވެރިކަންކުރާ ޕާޓީ ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަނުކުރެވޭނެ،" އޭނާ ވިދޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މިއީ ކޮވިޑްގެ ސަބަބުން މީހުން ދަރަނިވެރިވެ މަގުމަތިވެފައިވާ ވަގުތެއް ކަމަށެވެ. މިފަދަ ވަގުތެއްގައި ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދު ކުރުމަކީ މުޑުދާރު ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއް،" އޭނާ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެ ކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަައެވެ. އެހެން ކަމުން މެމްބަރުން ދާއިރާތަކަށް ދަތުރު ކުރުމުގެ ކުރިން މަޖިލީހުން ހުއްދަނަގަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެމްބަރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެ ކަމަށެވެ. އަދި މެމްބަރުން ކުރައްވާ ދަތުރުފުޅުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.