ވ.ކެޔޮދޫ ސްކޫލުގެ ތިން ކުލާސް ރޫމާއި އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިމަސއްކަތް ހަވާލު މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެ ކުންފުންޏާ މިމަސައްކަތް ހަވާލު ކުރީ ‏177 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ ހަތަރުމިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް ދުވިސްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ތިރީސް ނުވަލާރި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން އަހުމަދެވެ.

މި މަސައްކަތް މިއަހަރު ސެޕްޓެމްބަރ މަހުގައި މުޅިން ނިމޭނެކަމަށް ބެލެވެއެވެ.