ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ދަށްވާން ފަށާފައި ފިއެވެ. ކޮވިޑް19އާ ގުޅިގެން އިހުސާސް ކުރަން ޖެހިފައިވާ އިގްރިސާދީ ލޮޅުންތަކުގެ ސަބަބުން ޗައިނާއިން ވަނީ ބޭރުގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކަށް ދޫކުރާ ފައިސާ މަދުކޮށްފައެވެ.

ޗްރީން ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ރިސާޗް ސެންޓަރއިން ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ، ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކަށް ޗައިނާއިން ކުރާ ހޭދަ 54 އިންސައްތައަށް ދަށްވެގެން ގޮސްފައިވާ ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ އިންޓަރނޭޝަނަލް އިކޮނޮމިކް އެފެއާޒް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ ޖެނެރަލް ވަންގ ޝިއާއުލޮންގ ވިދާޅުވާ ގޮތުން ބީއާރްއައި ޕްރޮޖެކްތްތަކުގެ 30 އިންސައްތައަށް މިހާރު އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އިތުރު 40 އިންސައްތަ ޕްރޮޖެކްޓްތަކަށް ކުރިމަގުގައިކޮންމެވެސް އަސަރުތަކެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.

ބީއާރްއައި ޕްރޮޖެކްޓްތަކަށް ޗައިނާއިން ވަނީ ދީލަތި ކަމާއެކު ފާއިތުވިތަނުގައި އިންވެސްޓް ކޮށްފައެވެ. މިކަމަށް ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒުވެ، ބައެއް ފަރާތްތަކުން މިއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ސިފަކޮށްފައި ވެއެވެ. ކެންޔާއިން ވެސް ވަނީ ޗައިނާއިން ހަދައި ބަލަހައްޓަމުން ގެންދިިޔަ ރޭލް ވިއުގަވެސް، ފައިދާއެއް ނުދައްކައި ދަރަނިވެރި ވަމުންދާތީ ސަރުކާރަށް ނަގާފައެވެ. އަދި ގިނަ ގައުމުތަކުން އެދިފައިވަނީ ޗައިނާއަށް ދަރާފައިވާ ދަރަނި ކޮވިޑް19އާ ގުޅިގެން ދެއްކުން ލަސްކޮށް ދިނުމަށެވެ.

2016 ވަނަ އަހަރު ޗައިނާއިން ބީއާރްއައިއަށް 75 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ. މިއާ ޚިލާފަށް 2020ގައި ޗައިނާއިން ބީއާރްއައި އަށް ދޫކޮށްފައި ވަނީ އެންމެ ތިން ބިލިއަން އެމެރިކާ ޑޮލަރއވެ.

ޕާކިސްތާންގައިވެސް ޗައިނާއިން ބީއާރްއައިގެ ދަށުން 122 ޕްރޮޖެކްޓެއްގައި މަސައްކަތް ފަށިއެވެ. ނަމަވެސް މިހާތަނަށް ނިމިފައި ވަނީ ބައްތިރީސް ޕްރޮޖެކްޓެވެ. ޗައިނާގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ލަސްވަމުން ދއުމާ ގުޅިގެން ޕާކިސްތާން ޕާލަމެންޓްގައިވެސްމި މައްސަލަ ބަހުސްކޮށްފައި ވެއެވެ.