ހުވަދުއަތޮޅު ދެކުނުބުރީ ނިލަންދޫ ސްކޫލުގެ ހަތަރު ކުލާސްރޫމާއި، ދެއްވަދޫ ސުލްޠާން މުހައްމަދު ސްކޫލުގެ ދެ ކްލާސްރޫމާއި ހެލްތް ރޫމާއި ލައިބްރަރީ އިމާރާތް ކުރުމަށް ބަޔަކާ މިއަދު ހަވާލު ކޮށްފިއެވެ.

ނިލަންދޫ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިންމިލިއަން ދެލައްކަ ސާޅީސްހަހާސް އެއްސަތޭކަ އަށް ރުފިޔާ ސާދަލާރިއަށެވެ.

އެމަސައްކަތް ހަވާލުކުރީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލްގައި އަޅާ އިމާރާތްތައް 120ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ އެއްބަސްވެފައެވެ. އެމަސައްކަތް ވެސް ހަވާލު ކުރީ ވެލްމަންއާއެވެ. އެކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ތިންމިލިއަން ހަލައްކަ އަށްޑިހަ ހަތްހާސް އަށްސަތޭކަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރިއަށެވެ.

މި ދެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. ވެލްމަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭގިންގ ޑިރެކްޓަރ އިބްރާހީމް ސަލީމެވެ.