ފެނަކަ ކޯޕަރޭޝަން އިސްލާހު ވާން ދެއްވައިފައިވާ މުހުލަތު މާދަމާ ހަމަވާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެފަދަ މުހުލަތެއް އެކުންފުންޏަށް ދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް ހުށަހަޅާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށެވެ. އެގޮތުން އިސްލާހުވާން ނުވަތަ އިސްލާހު ކުރަން އެންގެވީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ތައްޔާރުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖަރ އަދި ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ނުވަ ނުވަ އިސްލާހެއް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ފެނަކައަށް އަންގައިފައި ކަމަށް މަބުރޫކު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އިސްލާހުކުރަން ފެންނަ އިތުރު 4 ކަމެއް އިސްލާހު ކުރުމަށް ވެސް އެ ކުންފުންޏަށް ވަނީ އަންގާފައެވެ. "މި ކަންކަން އިސްލާހު ކުރުމަށް އެ ކުންފުންޏަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ، 2021 އޭޕްރިލް 7 ވަނަ ދުވަހެވެ. މީގެ އިތުރުން، އެ ކުންފުނީގެ ދެ އޮޑިޓެއް މި އަހަރު ނިމުމުގެ ކުރިން ހެދުމަށް ވެސް ވަނީ ނިންމާފައެވެ."

ފެނަކައަށް ކޮށްފައިވާ ތުހުމަތު ތަކާ ބެހޭގޮތުން އެކުންފުނީން ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެފަދަ ވާހަކަތައް ފަތުރަނީ ހަސަދައިގެ ސަބަބުން ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.