ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކުރާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ މެމްބަރަކު ވަނީ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހިފަހައްޓާފައިވަނީ ކޮން ތާރީޚެއްގައިކަމެއް އަދި އެކަމުގެ ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ޙަސަން ޢަލީގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ ކުށުގެ މައްސަލަ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްވެސް ކުރިއެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުން ގުޅިގެން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލި މަރުގެ ރިޕޯޓް ގައިވާ ގޮތުން ރިޟްވާންވަނީ ކަނޑުމައްޗަށް ގެންގޮސް މަރާލާފައެވެ.