އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އަވައްޓެރި ސްރީލަންކާގައި ކުރިޔަށްދާ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމާލުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

ކޮޅުނބުގައި ހުންނަ އެމްޑީޕީގެ "ރަށްވެހި ފަތިސް" ޖަގަހައިގެ އިސް އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި މާދަމާ ރޭ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު ވީހާވެސް ކުލަގަދަކޮށް، އަދި ފޯރިގަދަކޮށް ގެންދިޔުމަށް ދަނީ ރާވަމުންނެވެ.

"މާދަންރޭ 7:45 ގައި އޮންނަ މި ރަސްމިއްޔާތަށް ލަންކާގައި އުޅޭ ވީހާވެސްގިނަ ދިވެހިން އައުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ނިންމާލުމުގެ ރަސްމިއްޔާތު ވަރަށް މުހިންމު. ފަހަރެއްގައި ހީނުކުރާ ކަހަލަ ބޭފުޅުންކޮޅެއް ވެސް މާދަމާރޭ އޮންނަ ކޮޅުނބުގެ ރަސްމިއްޔާތުން ފެނިދާނެ." އޮފިޝަލް ވިދާޅުވިއެވެ.

ޚާއްސަ ބޮނޑިބަތާއެކު އިތުރު ކަންތައްތަކެއް ވެސް ހިމަނައިގެން މާދަމާރޭ ބާއްވާ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތަށް ކޮޅުނބުން ތައްޔާރު ވަމުން އަންނައިރު އެ ޖަގަހައިން ދަނީ ވަރަށް ފޯރީގައި ކެމްޕޭންގެ ޙަރަކާތްތައް ބާއްވަމުންނެވެ.

"މިހާތަނަށް ކޮޅުނބުން ރަށްވެހި ފަތިހަށް ތަރުޙީބު ރަނގަޅު. އަޅުގަނޑުމެންގެ އެދުމަކީ ހޮނިހިރު ދުވަހު ވީހާވެސް ހެނދުނާ ގޮސް އަވަހަށް ވޯޓު އެޅުން. ތިލަފަތަށް ވޯޓު އެޅުން. ރަށްވެހި ފަތިހަށް ވޯޓު އެޅުން. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފާހަގަ ޖެހުން" އޮފިޝަލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ ފޯރީގައި ހަރަކާތްތައް ބާއްވަމުން އަންނަ ބޭރު ގައުމަކީވެސް ސްރީލަންކާކަން ފާހަގަ ކޮށްލެވެއެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ގައުމެކެވެ.

ލަންކާގައި ބަހައްޓާ 4 ވޯޓު ފޮށްޓަށް ވޯޓު ލުމަށް 2055 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައި ވެއެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބަށް މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދަނީ ފޯރިއާއެކު ހުރިހާ ޕާޓީ ތަކުންވެސް ކެމްޕޭން ކުރަމުންނެވެ.