އިންޑިއާއިން ދޫނި ރޯގާ މިފަހަރު ފެނުނީ މިއަހަރުގެ ޖެނުވަރީ މަސް ތެރޭގައެވެ. އެއީ "ޕޮންޑޭލޭކް ވަޔަލް ސެންޗިއަރީ" އިން ނެވެ. އެކަން ފާހަގަ ކުރެވުނީ އެތަނުން ފަންސާސް ހާހަށްވުރެ ގިނަ ދޫނި މަރުވުމުން އެއިން ސުކުން ނަގައިގެން ހެދި ޓެސްޓުން ކަމަށް ޗީފް ވަޔަލް ލައިފް ވާރޑަން އަރްޗަނާ ޝަރުމާ ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޯޕާލްގެ ނެޝެނަލް އިސްޓިޓިއުޓް އޮފް ހައި ސެކިއުރިޓީ އެނިމަލް ޑިސީސާސް އިން ވަނީ އެޗް 5 އެން 8 އޭވިއަން އިންފްލުއެންޒާގެ އަސަރު މި ނެގުނު ސުކުންތަކުން ފެނިފައިވާކަން ކަށަރުކޮށްދީފައެވެ.

މިފަހަރު މި ފެނުނު ވައްތަރަކީ ކުރިން މޫސުމީ ދޫނިން ފެނުނު އެޗް 5 އެން ވަން ގެ ތަފާތު ވައްތަރެއްކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.

އަލަށް މި ފެނުނު ދޫނި ރޯގާ އަކީ އަވަހަށް ފެތުރޭ ވައްތަރެކެވެ. އަދި ކޮށިތަކުގައި ގެންގުޅޭ ދޫނިތަކަށް ނުރައްކާތެރި ވައްތަރެއްކަމަށް ވެއެވެ.

ދޫނި ރޯގާގެ މި އާ ވައްތަރަކީ އަދި އިންސާނުންނަށް ބަލި ޖައްސާ ވައްތަރެއްކަމެއް ހޯދިފައެއް ނެތެވެ.

ކުރީފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ގިނައިން މި ބަލި ޖެހެނީ އަސްދޫނީގެ ވައްތަރުތަކަށެވެ.

މިއަހަރު ފެބުރުވަރީ މަހު މޫސުމީ ދޫނީގެ ބޯހިމެނުން ދައްކާގޮތުން މި ސަރަޙައްދަށް އެއް ލައްކަ އަށްވުރެ ގިނަ ދޫނި ވަނީ ހިޖުރަ ކޮށްފައެވެ. މި ދޫނިތަކުގެ ތރޭގައި ތަފާތު ފަންސާސް އެއް ބާވަތުގެ ދޫނި ހިމެނެއެވެ.

މިހާރު މި ދޫނި ސެންޗުއަރީ ވަނީ އާންމުންނަށް ބަންދުކުރެވިފައެވެ. އަދި ދޫނި ރޯގާ ކޮންޓްރޯލް ކުރުމުގެ ޕްރޮގުރާމުގެ ދަށުން ފިޔަވަޅުތައް އަޅަމުން ދާކަމަށް ކަމާބެހޭ ފަރާތުން ހާމަ ކުރެއެވެ.