ދީބާޖާ އިންވެސްޓްމެންޓްސް ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކޮށް އެ ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަންޖެހޭ ކަމަށް ހުކުމް ކުރީ ސިވިލް ކޯޓުންނެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ.
ނަމަވެސް ފަހުން ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާށެވެ. އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ މާޗް މަހު ބަލައިގެންފަ އެވެ.
މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކުރާށެވެ. އެހެން ނަމަވެސް، ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފު ކުރަން މިއަދުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 15 ދުވަސް ހުކުމުގައި ދިނެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.