ޓައިމްސް އޮފް އިންޑިއާގެ އާދީއްތަ ދުވަހުގެ، އެޑިޓޯރިއަލްގައި ޓައިވާން ސިފަކޮށްފައި ވަނީ "މުރާލި ގައުމެއް"ގެ ގޮތުގައެވެ. ޓައިމްސް އޮފް އިންޑިއާގެ އެޑިއޯރިއަލްގައި ބުނެފައި ވަނީ އިންޑިއާއިން ޓައިވާނާ ގުޅުން ބަދަހިކުރުމުން އިންޑިއާއަށް ފައިދާ ކުރާނެ ކަމަށެވެ. އަދި މިކަން ވެގެންދާނީ ޗައިނާއަށް ދޭ މެސެޖެއް ކަމަށެވެ. މި އެޑިޓޯރިއަލްގައި ބުނާ ގޮތުން ލަދާކްގެ ސަރަހައްދަށް ވަން ޗައިނާ ސިފައިން ފައިބައިގެން ދިއުމުގެ މަސައްކަތް ވަނީ މަޑު ޖެހިފައެވެ. މިއިން ދޭހަކޮށްދެނީ ޗައިނާއިން އެއް އިންޑިއާގެ ސިޔާސަތެއް ނުގެން ގުޅޭ ކަމެވެ.

ޗައިނާއިން ވަނީ އިންޑިއާގެ އެންމެ އިސް އެއް ނޫހުން ޓައިވާނަކީ ގައުމެއްކަމަށް ސިފަ ކުރުމުން އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ޗައިނާ މީޑިއާއިން ސިފަކުރާ ގޮތުގައި މި ވާހަކައިގެ ނުރައްކަލަކީ، މިއީ ނިއުދިއްލީގެ ރަސްމީ ވިސްނުން ކަމަށް ވެދާނެ ކަމެވެ.

އިންޑިއާގެ ނޫސްވެރިންނާއި އިންޑިއާގެ ރިސާޗް މުއައްސަސާތަކުން ޓައިވާނާ މަޝްވަރާކޮށް ވާހަކަ ދައްކައި ހަދައެވެ. 2016 ވަނަ އަހަރު އިންޑިއާއިން އިންތިޒާމު ކުރި ކޮންފަރެންސެއްގައި ޓައިވާންގެ މަންދޫބަށް ވާހަކަ ދެއްކުމަށްވެސް ދައުވަތު ދިނެވެ. އަދި މި ކޮންފަރެންސްގެ އަތްމަތީ ކަރުދާހުގައި ޓައިވާންގެ މަންދޫބުގެ މަގާމަކަށް ލިޔެފައި އޮތީ އެމްބެސެޑަރު ކަމުގައެވެ.

ލަދާކް މައްސަލައާ ގުޅިގެން އިންޑިއާގެ މީޑިއާއިން ޓައިވާންގެ މިނިވަން ދުވަހާ ދިމާކޮށް ލިޔުންތައް ލިޔުމުން ޗައިނާ އެމްބަސީން އެކަމަށް ފާޑު ކިޔާފައި ވެއެވެ. މިއަށް އިންޑިއާގެ މަސްއޫލު ފަރާތްތަކުން ރައްދު ދިނީ އިންޑިއާއަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ގައުމެއް ކަމުގައެވެ.

މުހައްލިލުން ދެކޭ ގޮތުގައި މިފަދަ މައްސަލައެއްގައި އިންޑިއާއަށް އޮތް ނުރައްކަލަކީ، މާއޮއިސްޓް ހަނގުރާމވެރިންގެ ޓެރަރިސްޓް އަމަލުތަކަށް ބޭރުގެ ފަރާތަކުން ހިތްވަރު ލިބިގެން ދިއުމެވެ. ނުވަތަ ސިއްކިމް ފަދަ އެކަހެރި ސަރަހައްދުމަތީ ދުރުހިސާބެއްގެ ދާޚިލީ ކަންކަމަށް ވަދެގަތުމެވެ.

އިންޑިއާގެ މައުދަންތަކުން މުއްސަނދި ސަރަހައްދުތަކުގައި ވާތުފިޔާގެ މާއޮއިސްޓް ޓެރަރިސްޓުން ދަނީ ސިފައިނާ ސަރުކާރާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.