ސެރަމް އިންސްޓިއުޓުން ދުވާލެއްގެ މައްޗަށް ދެ މިލިއަން ކޮވިޑް ވެކްސިން އުފައްދައެވެ. ޕޫނޭގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިން ބުނިގޮތުގައި އެފަރާތުން މިހާރު ވަނީ ބޭރު ގައުމުތަކަށް ވެކްސިން ވިއްކުން ހުއްޓާލާފައެވެ.
އިންޑިއާގައި ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމާ ގުޅިގެން ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނުމަށެވެ.
1.3 ބިލިއަންގެ އިންޑިއާ އާބާދީއަށް ބޭނުންވާ ވެކްސިން އުފެއްދުމަށްޓަކައި އެކްސްޕޯޓް މަޑު ޖައްސާލުމުން ސަރުކާރުން އިތުރު ފަންޑް ބޭނުންވާ ކަމަށް ސެރަމް އިންސްޓިއުޓްގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ. އާދާރް ޕޫނޭވާލާ އަންދާސާ ކުރައްވާ ގޮތުގައި، އެކްސްޕޯޓް ނުލައި ހަމައެކަނި އިންޑިއާގެ ބޭނުމަށް ވެކްސިން އުފައްދަނީ ނަމަ، ސަރުކާރުން 400 މިލިއަން ޑޮލަރު ބޭނުންވާނެއެވެ.
ސެރަމް އިންސްޓިއުޓުން އިންޑިއާ ސަރުކާރަށް ވެކްސިން ފުޅިއެއް ވިއްކަނީ 150 އިންޑިއަން ރުޕީސް އަށެވެ. މިއީ އެކުންފުނިން ބުނާ ގޮތުގައި ފައިދާ ހުރި އަދަދެކެވެ. ނަމަވެސް ކުރިން ބަޖެޓްކޮށްފައި ނެތް ހަރަކާތެއް ހިންގަން ޖެހުމުން އިތުރަށް ފައިސާ ބޭނުންވަނީ ކަމަށް ބުނެއެވެ.
ސެރަމް އިންސްޓިއުޓުން އުފައްދާފައިވާ އެސްޓްރާ ޒެނެކާގެ ވެކްސިން އިންޑިއާއިން ވަނީ ގައުމުތަކުގެ ހިތްހަލާލު ހޯދުމަށް ވެކްސިން ޑިޕްލޮމެސީގެ ދަށުން ދީލަތި ކަމާއެކު ފޯރުވައިދީފައެވެ.