ތުރުކީވިލާތުގެ ސިޔާސީ ލީޑަރުންނަށް އަންކަރާގައި ހުންނަ ޗައިނާ އެމްބަސީން އިންޒާރު ދިން މައްސަލާގައި ޗައިނާ އެމްބެސެޑަރު ތުރުކީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

ޗައިނާ އެމްބަސީން ޓުއިޓާ މެދުވެރިކޮށް ދެ ސިޔާސީ ލީޑަރަކަށް އިންޒާރު ދީފައި ވަނީ އުއިގޫރު މުސްލިމުންގެ މައްސަލާގައެވެ.

މީގެ ކުރިން ފްރާންސާއި ފިންލެންޑްގައިވެސް ޗައިނާ އެމްބެސެޑަރުންނާ ދެކޮޅަށް މިފަދަ އަމަލު ހިނގާފައި ވެއެވެ. މީގެ ދުވަސްކޮޅެއް ޕެރިހުގައި ފޮރިން މިނިސްޓްރީއަށް ޗައިނާ އެމްބެސެޑަރު ހާޒިރުކޮށްފައި ވަނީ ޔޫރަޕްގެ ޕާލަމެންޓާއި ފްލާންސްގެ ސިޔާސީ ލީޑަރުންނާ ޑިޕްލޮމެޓިކް ނޫން ބަސްމަގަކުން މުޚާތަބު ކުރެއްވުމުންނެވެ. އޭގައިވެސް އެމްބަސީން ވަނީ އެބޭފުޅުންނަށް ޓުއިޓާގައި އިންޒާރު ދީފައެވެ.

ޗައިނާގައި ޝިންޖިއާން ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ހިންގާ އިހާނެތި އަމަލުތައް ކުށްވެރިކުރައްވައި، އިދިކޮޅު ގުޑް ޕާޓީގެ ލީޑަރު މީރާލް އަކްސަނާރުއާއި އަންކަރާގެ މޭޔަރ މަންސޫރު ޔާވާސް ވަނީ ޓުއީޓް ކުރައްވާފައެވެ.

ޗައިނާ އެމްބަސީން މި ބޭފުޅުން ޓެގްކޮށް ޓުއީޓް ކުރަމުން ބުނެފައިވަނީ ރައްދު ދިނުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށެވެ.

ތުރުކީގެ މީސް މީޑިއާގައި މީހުން އުތުރިއަރަމުން މި ބަސްމަގު ސިފަކޮށްފައި ވަނީ މިއީ، ތުރުކީ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ދީފައިވާ އިންޒާރެއް ކަމަށެވެ.

އުއިގުރު މުސްލިމުންނަކީ ނަސްލީ ގޮތުންނާއި ބަހަވީ ގޮތުން ތުރުކީންނާ އެއް ދަރިކޮޅުގެ ބަޔެކެވެ. ކުރިން ތުރުކީ ވިލާތުން އުއިގޫރު މުސްލިމުންގެ ދިފާއުގައި ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް ރައީސް އުރުދުޣާނަށް ޗައިނާގެ އިންވެސްޓްމެންޓްތައް މުހިންމު ވުމުން އުއިގޫރު ވާހަކަތައް ވަނީ ފަނޑުވެގެން ގޮސްފައެވެ.