އިޒްރޭލުގެ ސިފައިން ޖެނިން ސިޓީއާއި ޖެނިންގެ ރެފިއުޖީ ކެމްޕާ ދެކޮޅަށް ޖެނުއަރީ 21 ވަނަ ދުވަހު ފެށި އުދުވާނީ ޙަމާލާގައި އެސަރަހައްދުގައި ބޮޑު ބައެއް ހަލާކުކޮށްލައިފިއެވެ. އިޒްރޭލުން ބޭނުން ވަނީ އިޒްރޭލުގެ ބިން ހިފުމާއި އިސްތިއުމާރު ކުރުމާ ދެކޮޅު ހަދާ އެއްވެސް ބާރެއް ފަލަސްޠީނުގެ ފަސްގަނޑުގައި ނެތުމެވެ.

ޖެނިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޒަޔަނިސްޓު ފައުޖުން ވަނީ ޖެނިންއާ ރެފިއުޖީ ކޭމްޕުގެ އިމާރާތްތަކަށް ބޮން އަޅައި ބިމާ އެއްވަރުކޮށްފައެވެ.

އުންރުވާގެ ތަރުޖަމާނު ޖޫލިއެޓް ޓޫމާ ވިދާޅުވި ގޮތުގައި މި ކޭމްޕް މިހާރު މިސްރާބު ޖަހާފައި ވަނީ ކާރިސާއެއްގެ މިސްރާބަށެވެ. އަދި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ކޭމްޕްގެ ބޮޑެތި ބައިތައް މުޅިން ހަލާކުވެފައިވާ ކަމަށް ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އުންރުވާގެ އެހެން އިސް ވެރިއަކު ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި 100 އަށް ވުރެން ގިނަ ގެތައް ވަނީ ހަލާކުކޮށްލާފައެވެ. އަދި އިތުރު އެތައ ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

ފަލަސްޠީނުން ބުނަނީ މިއީ "ނަސްލު ސާފުކުރުމުގެ" އަމަލެއް ކަމަށެވެ.

ޒަޔަނިސްޓުންގެ ހަމަލަތަކުގައި މިހާތަނަށް މަދުވެގެން 70 ފަލަސްތީނު މީހުން ޝަހީދުކޮށްފައިވާ ކަމަށް ބުނެއެވެ.