އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވަނީ އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ މިހާރުގެ ހާލަތު އެދޭ މުހިންމު ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ގޮވާލައްވާފައެވެ. ޖަޔަޝަންކަރު މިމޭރުމުން ވާހަކަ ދެއްކެވީ، އިންޑިއާ އިންޓަނޭޝަނަލް ސެންޓަރު (އައިއައިސީ)ގައި މި މަހުގެ 4-5 އަށް ކުރިއަށްދިޔަ ޚާއްޞަ ހަރަކާތެއްގައެވެ.
މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޖައިޝަންކަރު ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން ފެށިގެން ވިޔަފާރިއާއި މޫސުމާ ބެހޭ ފިޔަވަޅުތަކާ ހަމައަށް ދުނިޔޭގެ ތަފާތު މައްސަލަތަކަށް އަލިއަޅުވާލައްވައި ދެ ފަރާތުން ގުޅުން ބަދަހި ކުރަން ޖެހޭ ސަބަބުތައް ވިދާޅުވެފައެވެ.
އޭނާ ވަކިން ޚާއްޞަކޮށް އަލިއަޅުވާލެއްވީ އޭޝިއާގެ ބައެއް ގައުމުތަކާ މެދު މުއާމަލާތު ކުރާއިރު ޔޫރަޕުން ދެ މިންގަނޑެއް ގެންގުޅޭ ކަމަށް ފާހަގަ ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ އިންޑިއާއާއި ޔޫރަޕަކީ ސިޔާސީ ޑިމޮކްރަސީތަކެއް ކަމަށާއި ތަފާތު ސަގާފަތާއި ތަފާތު ދީންތައް ހިމެނޭ މުޖުތަމައުތަކެއް ކަމަށާއި، އަދި އޭގެ އިތުރުން ދެ ބައި މީހުންނަކީ މާކެޓް އިގްތިސާދުތަކެއް ކަމަށެވެ.
ދުނިޔޭގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން، އޭނާ ވިދާޅުވީ ދުނިޔެ މިހާރު ވަންނަމުންދަނީ މަލްޓިޕޮލަރ ޒަމާނަކަށް ކަމަށެވެ. އަދި މި އައު ދުނިޔޭގައި އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން ކުރިއަރައި ޚިޔާލު އެއްގޮތް ކުރަން އެއް ބިންގަލެއް ހޯދަން ޖެހޭ ކަމަށް ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އިރުމަތީގެ ގައުމުތަކާއި ހުޅަނގުގެ ގައުމުތަކުގައި ތަފާތު ކަން ހުރިފަދައިން ދުނިޔޭގެ އުތުރާއި ދެކުނުގައިވެސް ތަފާތުކަން ހުރި ކަމަށެވެ. އަދި މިތަފާތަކީ ގަބޫލުކުރަން ޖެހެ ހަގީގަތެއް ކަމަށާއި ކުރިމަގަށް ކަންކަން ރާވަން ޖެހޭނީ މިކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
ޖަޔަޝަންކަރު ވިދާޅުވީ، ދުނިޔޭގެ ކުރީގެ އިގްތިސާދީ އަދި ސިޔާސީ ނިޒާމުތައް މިހާރު ބަދަލުވަމުންދާ ކަމަށާއި އެކަށީގެންވާ ގޮތަކަށް އަލުން ދުނިޔޭގެ ނިޒާމު ބައްޓަން ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މި ކަމުގައި އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމަކީ ޔޫރަޕުން މި އަހަރަށް އިންޑިއާއާއެކު ޚިޔާލު އެއްގޮތް ކޮށްލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލު ވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިލްމީ ގިންތީގެ ފަރާތްތަކާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކެވެ. މި ބައްދަލުވުމުގައި އިންޑިއާގެ އިސް ސަރުކާރު އޮފިޝަލުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުން، އަދި ބައިނަލްއަގްވާމީ ގިނަ މާހިރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަންގެ މެދުގައި އިގްތިސާދީ، ސަގާފީ އަދި ސައިންސްގެ ރޮނގުން އައު މަސައްކަތްތައް ވިލަރެސް ކުރެވޭނެއެވެ.