ކިތަންމެ ވަރަކަށް ހަގީގަތާ ޚިލާފު ވާހަކަ ލިޔެ ފެތުރިޔަސް މާމިގިލީގައި ގާސިމް އިބްރާހީމަށް އޮތް ތާއީދަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސް އަޙުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވެފައި "ބޮޑެތި ޖަރީމާ ތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ރައީސްއާ ބެހޭ ގޮތުން އެލިޔުމުގައި ބުނެފައިވަނީ ގާސިމް މާމިގިއްޔަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ވައުދުތައް ނުފުއްދަވައި ކަމަށެވެ. ސައުދު ވަނީ އެކަންވެސް ދޮގު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސަޢުދު ވިދާޅުވެފައިވަނީ މިހާރުވެސް އަދި މުސްތަގުބަލުގައި ވެސް ކަންކަން ކޮށްދެވޭނީ ކުރިން ވެސް ކަންކަން ކޮށްދެއްވައިފައި ތިބި މީހުންނަށް ކަމަށެވެ. "ކަންކަން އަބަދުވެސް ކޮށްދީފައި ތިބި މީހުން މިހާރުވެސް. އަދި މުސްތަގުބަލުގައި ވެސް ކަންކަން ކޮށްދެވޭނީ،" އޭނާ ވިދާޅުވެފައިވެއެވެ.

ގާސިމް އިބްރާހީމަކީ މާމިގިއްޔަށާއި އެދާއިރާއަށް ނުހަނު ޚިދުމަތްތެރި ބޭފުޅެކެވެ. އަދި ކަންކަން ކޮށްދެއްވައިފައިވާ އަދި މީހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެން ކަމުން ދައްކާ ވާހަކައަކުން ލިޔެލާ ލިޔުމަކުން ގާސިމަށް އޮތް ތާއީދަށް އަސަރެއް ނުކުރާނެ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.

"ކިތަންމެ ވަރަކަށް ގާސިމް އާއި ދެކޮޅަށް ހަގީގަތް އޮޅުވާލަން އުޅުނަސް ތިޔަކަމެއް ނުވާނެ. މާމިގިލީ ދާއިރާގައި ގާސިމަށް އޮތް ތާއީދު ތިޔަހެން އޮޅުވާލަން ލިޔާ ލިޔުމަކުން އަސަރެއް ނުކުރާނެ،" ސައުދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.