ކުރިއަށް އޮތް އިންތިޚާބާއި ގުޅޭ ގޮތުން އެޗްއާރުސީއެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އިންތިޚާބު އޮންނަ ދުވަހު ފުލުހުން ހަރަކާތްތެރިވާނެގޮތާއި ފުލުހުންގެ ޒިންމާ އަދާކުރެއްވުމަށް ކުރައްވާނެ މަސައްކަތްތަކާއި އެކަންކަން ރޭވިފައި އޮތް ގޮތާއި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ހައްޤު ކަށަވަރުކުރުމަށް ކަނޑައަޅުއްވަފައިވާ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ހަރަކާތްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންތިޚާބު އޮންނަ ދުވަހުވެސް ފުލުހުން މަސައްކަތް ކުރަމުންދާނެތީ އެފަދަ ފުލުހުންގެ ވޯޓުލުމުގެ ހައްޤު ކަށަވަރުވެފައިވާ ގޮތް ކޮމިޝަނުން ވަނީ އޮޅުން ފިލުވާފައެވެ.
ކުރިއަށް އޮތް އިންތިޚާބާގުޅޭ ގޮތުން އެޗްއާރުސީއެމުން އީސީއާއި އެޗްޕީއޭއާ ވެސް ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ކޮވިޑާއި ގުޅިގެން ވޯޓުލުމުގެ ހައްޤު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ އެކަންކަމާ ގުޅިގެން ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް މި ދެ މުއައްސަސާއާ ހިއްސާ ކޮށްފައިވެއެވެ. އަދި އެކަމުގައި ކޮމިޝަނަށް ފާހަގަކުރެވޭ ލަފާވެސް ވަނީ ދީފައެވެ.
މީގެ އިތުރުން ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކޮށް ވޯޓާ ގުޅިގެން ލިބިގެންވާ ހައްޤުތަކާއެކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްޤަކީވެސް މުހިންމު ހައްޤެއްކަން ކޮމިޝަނުން ވަނީ ބަޔާން ކޮށްފަ އެވެ. އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިންވެސް މި ދެކަމަށް ރިޢާޔަތްކުރެވިގެން ދިޔުމުގެ މުހިންމުކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބު އޮންނަ ދުވަހު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެތަނުން ވަނީ ވިދާޅުވެފައެވެ.