ކޮރޯނާ ވައިރަސްއާ ހަނގުރާމަ ކުރުމުގައި ޗައިނާއިން ހޯދި ކާމިޔާބީން ހިތްވަރު ލިބިގެން، ޗައިނާއިން މަސައްކަތް ފަށާފައި ވަނީ އެގައުމުން އުފައްދާފައިވާ ކޮވިޑް19 ވެކްސިން ގައުމުތަކަށް ބޭރުކުރުމުގެ މަސައްކަތެވެ. މިއީ ޗައިނާއަށް ވަރަށް މުހިންމު މަސައްކަތެކެވެ. ވޫހާނުން އުފެދިގެން އައިކަމަށް ރިޕޯޓްކޮށްފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔެ ކާރިސާއަކަށް ވެއްޓި، މީހުންގެ ދިރިއުޅުން ބިކަ ކޮށްލުމުގެ ސަބަބުން ޗައިނާއާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލުވެގެން ދިޔައެވެ. ވެކްސިން އަކީ އެކަމަށް ޗައިނާއަށް ލިބުނު ފަރުވާއެކެވެ. ދީލަތިކަމާއެކު އެހީތެރިވާ ގައުމެއްގެ ސޫރައިގައި ފެނުމަށް ޗައިނާއިން ބޭނުންވިއެވެ.

ޗައިނާއިން ވަނީ މިހާތަނަށް 115 މިލިއަން ވެކްސިން ޑޯޒް ބޭރުގައުމުތަކަށް ފޮނުވާފައެވެ. މިއީ އިންޑިއާއިން ބޭރުކޮށްފައިވާ ވެކްސިންގެ ޑޯޒްތަކުގެ އަދަދަށްވުރެން ދެ ގުނަ އިތުރު އަދަދެކެވެ. ނަމަވެސް މައްސައަކީ، ޗައިނާއިން އުފައްދާފައިވާ، ސައިނޯފާމް ވެކްސިންއާއި ސައިނޯވެކް ވެކްސިންއާ މެދު މީހުންގެ އިތުބާރުގެ މައްސަލައެވެ.

ޗައިނާގެ ވެކްސިންގެ ކާމިޔާބީއަކީ އަދި ސާފުވެފައި އޮތް ކަމެއް ނޫނެވެ. އެއްވެސް ކުންފުންޏަކުން އެންމެ ފަހުގެ ޑޭޓާ ހާމަކޮށްފައެއް ނުވެއެވެ. ބްރަޒިލްގައި ސައިނޯވެކް ޖަހައިގެން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުން އެވެކްސިންގެ ކާމިޔާބީ ރޭޓް އުޅެނީ، 50.4 އިންސައްތައިގައެވެ. އެހެން ބައެއް ދިރާސާތަކުން 8 ސައްތަ ކާމިޔާބު ކަމަށްވެސް ދައްކާފައި ވެއެވެ. ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވެކްސިންއަށް ހުއްދަ ދިނުމުގައި ޝައްކުކުރެވޭ ކަންކަން ހުރިކަމަށާއި އަދި ތަފާސްހިސާބުގެ މައްސަލަތަކެއް އުޅޭކަމަށް ބުނެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފައިވނީ އެކަށީގެންވާ މިންގަނޑެއް މި ވެކްސިންގައި ހުރި ކަމަށެވެ.

މިއާ ޚިލާފަށް ހުލަނގުން އުފައްދާފައިވާ ފައިޒަރއާއި މޮޑާރނާއާއި ބައޯއެންޓެކްގެ ވެކްސިންގެ ކާމިޔާބީ 90 އިންސައްތައިގައި އުޅޭކަމަށް ތަފާތު ދިރާސާ ރިޕޯޓްތަކުން ދައްކައެވެ.

ޗައިނާގެ ވެކްސިންގައި ވަރުޖެހުމަށްޓަކައި އިތުބާރު އުފެއްދުން މުހިންމެވެ. މީގެ ސަބަބުން، ޗައިނާގެ ގާތް ބައިވެރި ގައުމުތަކުގައިވެސް ވެކްސިން ލިބިގަތުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ. ކިރިގީޒިސްތާންގައި ބައެއް ޑޮކްޓަރުން ވަނީ ސައިނޯފާމް ވެކްސިން މީހުން ގަޔަށް ޖެހުމާ ދެކޮޅު ހަދާފައެވެ. އެމީހުންނަށް ރަޝިޔާގެ ސްޕްޓްނިކް ވެކްސިންވެސް ޗައިނާ ވެކްސިންއަށް ވުރެން މާރަގަޅުކަމަށް ބުނެވެ.

ހޮންގކޮންގގައިވެސް ޗައިނާ ވެކްސިން ލިބިގަންނާނެ ކަމަށް ބުނަނީ އެންމެ 30 އިންސައްތަ މީހުންނެވެ. ހުޅަނގުގެ ވެކްސިންއަށް މި ސަރަހައްދުގައި އޮތް އިތުބާރު ބޮޑެވެ. މިއާ ޚިލާފަށް ކޮރޯނާ ފެތުރޭ، އެއްވެސް އެހްނެ ގޮތެއް ނެތް، ޕަޕުއާ ނިއުގިނީފަދަ ގައުމެއްގައި ކޮންމެ ފަދަ ވެކްސިނެއްވެސް ހެޔޮވަރެވެ.

ޗައިނާ ވެކްސިން އެންމެ ގިނައިން ޖަހާފައިވާ ދެ ގައުމަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި ޗިލީއެވެ. ދެ ގައުމުގައިވެސް ކޮވިޑް19 ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އެކަމަކުވެސް ފާހަގަ ކުރެވޭ ކަމަކީ، މީހުން މަރުވުން ކޮންޓްރޯލް ކުރެވިފައިވާ ކަމެވެ.

މިވާހަކައިގެ އަލީގައި ބެލެވެނީ، ޗައިނާއިން ގެންގުޅޭ ހަރުކަށި ފުރަބަންދުގެ އުސޫލުތައް އަދިވެސް ދަމަހައްޓާނެ ކަމެވެ. ޗައިނާގެ ކޮންޓްރޯލްގެ ސިއްރަކީ މިފިޔަވަޅެވެ. އެންމެ ފަހުން ފެނިގެން ދިޔައީ ރުއިލީ ސިޓީވެސް ފުރަބަންދަކަށް ދިޔަ ތަނެވެ. އެހެންވެ، ދޭތެރޭން ސިޓީތައް ފުރަބަންދަށް ދިއުމަކީ އޮތް ކަމެކެވެ. މި ވަގުތު އަދި ޗައިނާއަށް އެތެރެވާން އޮތް އެންމެ ފަސޭހަ ގޮތަކަކީ ޗައިނާގެ ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުމެއް ދެއްކުމެވެ.