ޝިންޖިއާންގ ސަރަހައްދުގައި މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކާ ދެކޮޅަށް އަޅާފިޔަވަޅުތަކަށް އޮސްޓްރޭލިއާއިން ތާއީދު ކުރުމަށް ނިންމުމުން އޮސްޓްރޭލިއާއަށް ކަނޑައަޅުއްވާފައިވާ ޗައިނާ ސަފީރު އޮސްޓްރޭލިއާއަށް އިންޒާރު ދެއްވައިފިއެވެ.

ޝިންޖިއާންގ ގައި ގަދަކަމުން ކަފަ ދަނޑުތަކުގައި މަސައްކަތް ކުރުވަމުންދާ ކަމަށާއި އަދި މިލިއަނެއްހާ މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި އަހަންހެނުން ރޭޕް ކުރުމުގެ އަމަލުތައް ކޭމްޕްތަކުގައި ހިނގަމުންދާ ކަމަށް އދއާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ވިލާތު އިއްތިހާދާއި އެމެރިކާއާއި ކެނެޑާ އަދި އިނގިރޭސިވިލާތު ޕާލަމެންޓުން ވަނީ މިކަންކަން ކުށްވެރިކޮށްފައެވެ. އަދި ޝިންޖިއާންގ ސަރަހައްދުގެ ކޮމިއުނިސްޓް ޕާޓީގެމަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

އޮސްޓްރޭލިއާއާއި ނިއުޒިލެންޑްގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ މިފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަފީރު އޮސްޓްރޭލިއާއަށް ނަސޭހަތްތެރިވެ ވަޑައިގަތީ އެހެން ގައުމުތަކާ ގުޅިގެން ޗައިނާއާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމަށެވެ.

އޮސްޓްރޭލިއާއަށް ކަނޑައަޅުއްވާފައިވާ ޗައިނާ ސަފީރު ވިދާޅުވީ ޗައިނާގެ ދާޚިލީ ކަންކަމާ ބެހުމަށް ޗައިނާއިން ފުރުސަތެއް ނުދޭނބެ ކަމަށެވެ. އަދި ފިއްތުންތަކަށް ދީލާވެސް ނުލާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް ކުރިމަތިވާނަމަ، އެކަމަކާ މުނާސިބު ރައްދެއް ޗައިނާއިން ދޭނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވިއެވެ.

ޗައިނާ ސަފީރަށް ރައްދު ދެއްވަމުން، އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރ ޑޭން ޓޭހަން ވިދާޅުވީ، އޮސްޓްރޭލިއގެ ގައުމީ މަސްލަހަތާއި އިސްތިގްލާލު ދަމަހައްޓާނެ ކަމަށެވެ. އަދި މިކަންކަމަކީ އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރެވި ދޫދެވެން އޮންނާނެ ކަންކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.