ފުވައްލަކު ސިޓީގެ ނަރުދަމާގެ ނިޒާމާއި އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިއަދު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވަނީ ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދު ޢަމަލީ މަސައްކަތްފެށި މި ދެ މަޝްރޫޢާއެކު މި ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިއަދު މަސައްކަތްފެށި އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.
މިއަދު މަސައްކަތް ފެށި ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެއެވެ.
ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.