އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން އަނެއްކާވެސް އިތުރު ޕްރެޝަރަށް ވެއްޓިއްޖެއެވެ.

އެ ވެކްސިން އިތުރު ޕްރެޝަރަށް ވެއްޓުނީ، އެސްޓްރަޒެނެކާ ވެކްސިނާއި، އެ ވެކްސިން ޖަހާ ބައެއް މީހުންނަށް ދިމާވާ ނާދިރު ބްލަޑް ކްލޮޓްވުމުގެ މައްސަލައާއި ވެކްސިނާ ގުޅުން ވާކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ހޯދުންތަކުން ދެއްކުމާ ގުޅިގެންނެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހާ ޒުވާނުންނަށް ޚާއްސަކޮށް ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ރިޕޯޓްކުރަމުން ދިއުމާ ގުޅިގެން، އެކަމުގެ ރިސްކް އެބައޮތް ކަމަށް ބުނެ ޔޫކޭއިންވެސް މިހާރުވަނީ އެސްޓްރަޒެނެކާގެ ވެކްސިންގެ ބަދަލުގައި ޒުވާން އުމުރުގެ މީހުންނަށް އެހެން ވެކްސިނެއް ދިނުމަށް ނިންމާފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެކްސިން ޖެހިފަހުން ބްލަޑް ކްލޮޓް ނުވަތަ ސިކުނޑީގައި ގަނޑުލޭކޮޅު އުފެދިގެން ލިބިފައިވާ އެތައް ރިޕޯޓެއް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީންވަނީ ރިވިއު ކޮށްފައެވެ.

ޔޫރަޕް ސަރަހައްދުން އެސްޓްރަޒެނެކާގެ ވެކްސިންދިން 34 މިލިއަން މީހުންގެ ތެރެއިން، ސިކުނޑީގައި ގަނޑުލޭކޮޅު އުފެދިގެން 169 ރިޕޯޓެއް އީއެމްއޭއަށް ހުށަހެޅުނެވެ.

މި ރިޕޯޓްތައް ރިވިއުކުރުމަށްފަހު ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވަނީ، މިއީ ވެކްސިންގެ ނާދިރު ސައިޑް އިފެކްޓެއް ކަމަށް ކަނޑައަޅާފައެވެ.

މިގޮތަށް ނިންމި ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް އީއެމްއޭއިން ރެކޮމެންޑް ކޮށްފައި ވެއެވެ.

ހަމަ އެއާއެކު، އެސްޓްރަޒެނެކާގެ ވެކްސިނަކީ އޭގެ ސައިޑް އިފެކްޓަށްވުރެ ފައިދާ ބޮޑު ވެކްސިނެއް ކަމަށް ބުނާ ބުނުން، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ތަކުރާރު ކޮށްފައިވެސް ވެއެވެ.

ކޮވިޑް-19 ބަލީގެ ހާލަތު ޚާއްސަކޮށް ޔޫރަޕްގައި ވަރަށް ބޮޑުވެފައި ވެއެވެ. ބަލީގެ ސަބަބުން ޔޫރަޕަށް އަގު ނުކުރެވޭ ބޮޑެތި ގެއްލުންތައްވެސް ލިބިފައި ވެއެވެ.

ވެކްސިން ލިބުމުގައިވެސް ޔޫރަޕަށް ބޮޑެތި މައްސަލަތައް ދިމާވެފައި ވާއިރު، ޔޫރަޕް ސަރަހައްދުގެ ބޮޑުބައެއް މިހާރު މިސްރާބު ޖަހާފައިވަނީ ކޮވިޑް ބަލީގެ ތިންވަނަ ރާޅާ ދިމާއަށެވެ.