ކްލޮޕް ބުނަނީ ގިނަ ލަނޑުތަކެއް ވަނީ ކީޕަރުގެ މައްސަލައަކުން ނޫންކަމަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަންވިލާ އަތުން 2-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިވުމުގައި ކީޕަރު އެޑްރިއަންގެ މައްސަލައެއް ނެތްކަމަށާއި އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލުން ރޭ އެސްޓަންވިލާއާ ދެކޮޅަށް އެޑްރިއަން ފުރަތަމަ އެގާރައިގައި އެރުވީ، އެއްވަނަ ކީޕަރު އެލިސަން ބެކާގެ ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ހަތަރު ހަފްތާއެއްހައި ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުންނެވެ. އެސްޓަންވިލާއިން ހަތް ލަނޑު ލިވަޕޫލް ކޮޅަށް ޖެހިއިރު އެލަނޑުތަކަށް ދިފާއު ކުރުމުގައި އެޑްރިއަންއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ކްލޮޕް ދެކެއެވެ.
"ފުރަތަމަ ލަނޑު ފިޔަވައި ދެން އެސްޓަންވިލާއިން ކާމިޔާބު ކުރި ލަނޑުތަކުގައި އެޑްރިއަންއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. ތަފާތު ބޮޑުކޮށް ބަލިވީ އޭނާގެ ސަބަބުންނޭ ބުނާނެ ޖާގައެއް ނެތް. މިދިޔަ ސީޒަނުގައިވެސް އެޑްރިއަން ފުރަތަމަ އެގާރައިގައި ހިމަނައިގެން އަހަރެމެން އެގާރަ މެޗް ކުޅުނިން. އަދި އޭނާއާއެކު ރަގަޅު ނަތީޖާތަކެއް ނެރެވުނު. މިހާރުވެސް އަހަރެންގެ ފުރިހަމަ އިތުބާރު އެޑްރިއަންއަށް އެބައޮތް" މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގް ތަށި ލިވަޕޫލަށް ކާމިޔާބު ކޮށްދިން ކޯޗް ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އެސްޓަންވިލާގެ ފަރާތުން ފެނުނީ ލިވަޕޫލް އަތުން ގެއްލޭ ކޮންމެ ބޯޅައެއް ކައުންޓަރ އެޓޭކަށް ބަދަލުކޮށް ލަނޑު ޖަހަން މަސައްކަތް ކުރި މަންޒަރު ކަމަށެވެ. "އެސްޓަންވިލާ ކުޅުންތެރިން ފެނުނީ ވަރަށް ހަލުވިކޮށް. އަހަރެމެންގެ ކުޅުންތެރިންނަށް ބޯޅަ ހޯދަން މަސައްކަތް ކުރެވޭއިރު އެސްޓަންވިލާއިން އޮންނަނީ ކައުންޓަ އެޓޭކުގައި އަހަރެމެންގެ އޭރިޔާގެ ތެރޭގައި. އެވަރަށް ލަނޑުތައް ކާމިޔާބު ކުރެވުމުންވެސް އެމީހުން ބޭނުމެއްނުވި ހުއްޓާލަކަށް ބޭނުމެއް ނުވި" ކްލޮޕް ބުންޏެވެ.
މިއީ 1963 ގެ އޭޕްރީލަށްފަހު އެއްވެސް މުބާރާތެއްގައި އެއްވެސް ޓީމަކުން ލިވަޕޫލް ކޮޅަށް 7 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ކްލޮޕް ބުނީ މިކަން ދެން ތަކުރާރުވިޔަ ނުދޭނެ ކަމަށެވެ.