އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ލަކްނޫއިން ކޮވިޑް-19 ވެކްސިންޖެހިފަހުން އެތައް ޑޮކްޓަރުން ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ލަކްނޫގެ ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރވެސް ހިމެނިވަޑައި ގަންނަވައެވެ.

ވައިސް ޗާންސެލަރާއި، ގިނަ ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖެހިފަހުން ކަމަށް ވެއެވެ.

ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ، މިދިޔަ މާޗްމަހުގެ 25 ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި ފަހުންނެވެ. އަދި މިއީ، މިދިޔަ އަހަރުގެ އޮގަސްޓުގެފަހުން އޭނާ ޕޮޒިޓިވްވި ދެވަނަ ފަހަރު ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވެފައިވަނީ، މިދިޔަ 4 ވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 40 ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި ޑޮކްޓަރުންގެ ތެރޭގައި މެޑިކަލް ސްޕްރިންޓެންޑެންޓަކުވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީން ޕޮޒިޓިވްވި ހުރިހާ ޑޮކްޓަރުންވެސް ޕޮޒިޓިވް ވެފައިވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ކަމަށް އޮފިޝަލް ކަށަވަރު ކޮށްދެއްވާފައި ވެއެވެ.

ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިތުރު އެތައް ބައެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން މިހާރު ޓެސްޓުތައް ހަދަމުންދާ ކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ނަމަވެސް އެ ޑޮކްޓަރުން ޖެހީ ކޮން ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގައި 2 ވެކްސިނެއް ޖަހަމުން ގެންދެއެވެ. އެއީ، އެސްޓްރަޒެނެކާއިން ޑިވެލޮޕްކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި، އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފައްދާ ކޮވިޑް ވެކްސިނެވެ.

އިންޑިއާގެ ގިނަމީހުން ޖަހަނީ ކޮވިޝީލްޑް ވެކްސިނެވެ.

ލަކްނޫގެ ހާލަތު މިގޮތަށް ހުރިއިރު، މުޅި އިންޑިއާގައި ކޮވިޑް ބަލީގެ ހާލަތު ދަނީ ހައްތަހާ ގޯސްވަމުންނެވެ.

އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އިންޑިއާގެ އެތައް ސްޓޭޓަކާއި، ސިޓީއެއްގައި މިހާރުވަނީ ރޭގަނޑަށް ކާފިއު ހިންގައި، ބައެއް ސިޓީތައް އެއްކޮށް ލޮކްޑައުންކޮށް ހަރުކަށި އެތައް ފިޔަވަޅުތައް އަޅަން ފަށާފައެވެ.