އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް 2022 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރޭ، އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ރައްޔޮތަކަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެެއް ލިބެންވާނެ ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތަޢާރަފުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވައި ލައްވާފައެވެ. އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ޢަދަދު 13000އަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފިޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.