ޗިލީގައި ކޮވިޑް19ގެ ކޭސްތައް މިލިއަނަކަށް އެރުމާ ގުޅިގެން އެގައުމު ވަނީ ފުރަބަންދަކަށް ގޮސްފައެވެ. ބޭރުގެ ދަތުރައްވެސް ވަނީ ހުއްޓާލާފައެވެ. ޗިލީގައި ދުވާލެއްގެ މައްޗަށް ފަސްހާސް ކޭސް ރިޕޯޓް ކުރެވެއެވެ. އަދި ދެބައިކުޅައެއްހައި ގިނަ ފައްސި ކޭސްތަކަކީ ވެރިރަށް ސެންޓިއާގޯ ސަރަހައްދުގެ ކޭސްތަކެވެ.

އަލްޖަޒީރާ ރިޕޯޓް ކުރާ ގޮތުން ޗިލީގެ ހުރިހައި އައިސީޔޫ ބެޑްތަކެއްވެސް ވަނީ ފުރިފައެވެ. އަދި ހަަސްފަތާލުތަކަށް މީހުން ވަނީ ނުކަތާފައެވެ.

ޗިލީއަކީ ދުނިޔޭގައި އެމްބެ ބާރަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު ފެބްރުއަރީ މަހުން ފެށިގެން ހިންގަމުން ގެންދިޔަ ގައުމެވެ. އަދި އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާގެ މީހުންނަށް މިދިޔަ ޑިސެމްބަރުން ފށިގެން ޗިލީގައި ވެކްސިން ދޭން ފަށާފައިވާ ކަމަށްވެސް އަލްޖަޒީރާ ބުނެއެވެ.

ޗިލީއަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސްއާއެކު އެންމެ ގިނައިން ޗައިނާ ސައިނޯވެކް ވެކްސިން ރައްޔިތުންނަށް ދިން ދެ ގައުމުން އެއް ގައުމެވެ.

ޗިލީގެ 18 މިލިއަން އާބާދީގެ 33 އިންސައްތަ މީހުންނަށް ވަނީ އެއް ފަހަރަށް ނުވަތަ ދެވަނަ ފަހަރަށް ކަށި ހަރާފައެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނައިން އެންމެ ބާރަށް ވެކްސިން ދިން މި ގައުމުގައި މިހާރުވެސް މީހުން ދަނީ ސަފުހަދައިގެން ވެކްސިްނ ޖައްސަމުންނެވެ.

ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޗިލީގައި ބާރު މިނެއްގައި ވެކްސިން ދެމުން ގޮސްފައިވާ އިރުވެސް ފައްސިވާ އަދަދު އިތުރު ވުމާ ގުޅިގެން މީހުން ވަނީ ވެކްސިންގެ އެފިކަސީއާއި ބާރުވެރިކަމާ މެދު ސުއާލު އުފައްދާފައެވެ.

ބްރަޒިލްއަކީވެސް ޗައިނާގެ ސައިނޯވެކް ވެކްސިން އެތެރެ ކުރި ގައުމެކެވެ. ބްރަޒިލްގެ ބުޓަންޓަން އިންސްޓިއުޓުން ޖެނުއަރީ މަހު ބުނެފައި ވަނީ ސައިނޯވެކް ކޮރޯނާ ވައިރަސްގެ އެފިކަސީ ރޭޓް އުޅެނީ 50.4 އިންސައްތައިގައި ކަމަށެވެ. މިއީ ވެކްސިންއެއް ދިނުމަށް ޝަތުރުހަމަވާ 50 އިންސައްތަ އެފިކަސީއަށް ވުރެން ތަންކޮޅެއް ބޮޑު އަދަދެކެވެ. ނަމަވެސް ބަލި މީހާ އެނދުމަތި ކުރުމުން މި ވެކްސިންއިން ސަލާޟަތް ކޮށްދޭ ކަމަށް ވެއެވެ.

ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސައިނޯވެކް ވެކްސިންއިން ރައްކާތެރިކަން ލިބެނީ އޭގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުއެވެ. މިހިނދު އެހެން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަން ލިބެއެވެ.

ޗައިނާއިން ގައުމުތަކަށް ފޮނުވަމުން ގެންދަނީ ދެ ވެކްސިނެކެވެ. މި ދެވެކްސިނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.