ޅ.ފެލިވަރު ކްލަސްޓާއާ ގުޅުންހުރި 459 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ފެލިވަރު ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހަތް ރަށެއްގައި އެބަހުރި ކަމަށާއި މިވަގުތު އެ ކްލަސްޓާގައި ޖުމްލަ 459 ކޭސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިއީ މިހާތަނަށް އެއް ކްލަސްޓާއެއްގެ ގޮތުގައި ފެނުނު އެންމެ ބޮޑު ކްލަސްޓާ" ނަޒްލާ ވިދާޅުވިއެވެ.

އެ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް މިވަގުތު ހުރީ ފެލިވަރު، ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ހިންނަވަރު، ހޮޅުދޫ، ކުރެންދޫ އަދި އޮޅުވެލިފުށީގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އެ ކްލަސްޓާއާ ގުޅުން ނެތް 100 ކޭސް ނައިފަރު އެބަހުރި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި ކ.ދިއްފުށީގައި މިވަގުތު 114 ކޭސް އުޅޭއިރު، ކ.ހުރާގައި 161 ކޭސް އަދި އދ.މާމިނގިލީގައި 27 ކޭސް އުޅޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އިއްޔެ ވެސް މާމިނގިލިން 13 ކޭސް ފެނިފައިވެއެވެ.